އެފްއޭކަޕްގައި މާކަސް ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރެޑިންއާ ވާދަކޮށް ޔުނައިޓެޑުން ކާމިޔާބުކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތް ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ހުއާން މަޓާގެ އެހީތެރިކަމާއެކު ކެޕްޓަން ވޭން ރޫނީ އެވެ.
މި ލަނޑަށް ފަހު ވެސް ޔުނައިޓެޑުން ދިޔައީ ރެޑިންގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ 15 ވަނަ މިނެޓުގައި ވޭން ރޫނީގެ އެހީތެރިކަމާއެކު އެންތޮނީ މާޝިއާލް ކާމިޔާބުކުރި ލަނޑުން ލީޑު ފުޅާކޮށްފަ އެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ރެޑިންގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ޔުނައިޓެޑެވެ. އެގޮތުން އެޓީމުން ދިޔައީ ބޯޅަ ކޮންޓްރޯލްކޮށްގެން ރެޑިންގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑު 75 ވަނަ މިނެޓުގައި މައިކަލް ކެރިކްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފަޑް އެވެ.
މި ލަނޑަށް ފަހު ވެސް ޔުނައިޓެޑަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ދިޔަ ހަތަރު ވަނަ ލަނޑު އަދި ފަހު ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރަޝްފަޑް އެވެ.
މި ނާތީޖާއާއެކު ޔުނައިޓެޑް ވަނީ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރަން ޖެހޭ ޓީމެއް އެނގޭނީ ތިންވަނަ ބުރުގެ މެޗުތައް ނިމުމުންނެވެ.