ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 19:44
މާލެ ސިޓީ ކައުންސިލަރު އަޒުރާ
މާލެ ސިޓީ ކައުންސިލަރު އަޒުރާ
ޓްވިޓަރ
މާލޭ ސިޓީ ކައުންސިލަރު އަޒުރާ
ކައުންސިލަރު އަޒްރާއަށް ގާނޫނީ ވަކީލެއް ހަމަޖައްސަން 10ދުވަސް ދީފި
އަޒުރާގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލެއް ހަމަޖައްސަން 10 ދުވަސް ދެއްވައިފި އެވެ.

އަޒުރާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒް ކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑު އެހުން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، އަޑުއެހުން ކުރިއަށް ގެންދިޔައީ ގާނޫނީ ވަކީލަކާ ނުލަ އެވެ. 

ގާނޫނީ ވަކީލެއް އައްޔަން ކުރަން ބޭނުންވާ ކަމަށް އަޒުރާ ވިދާޅުވުމުން ގާޒީ ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް 10 ދުވަހުގެ މުއްދަތެއް އަޒުރާއަށް ދެއްވާފަ އެވެ.

އަޒްރާގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ، ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުންނެވެ. އެއީ، ގާނޫނު ތަންފީޒު ކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާ ކައުންސިލަރު އަޒުރާގެ މައްޗަށްކުރަނީ 27 ފެބްރުއަރީ 2018 ވަނަ ދުވަހު މަޖީދީމަގާއި ޖަނަވަރީ މަގު ކަންމަތީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމު ކޮށްގެން ބޭއްވި މުޒާހަރާއާ ގުޅިގެނެވެ.

އަޒުރާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާކޮށް، ޝަރީއަތް ފަށާއިރު، އަޒްރާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އަޒުރާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމަށެވެ. އަދި އެ މުޒާހަރާ ހުއްޓުވައި ގާނޫނާ ހިލާފަށް ފުލުހުން ހުރަސްއަޅާފައި ވާތީ އާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރެލަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ބެލުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް