ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 17:51
މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ކޯޓަށް ހާޒިރު ކުރަނީ
މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ކޯޓަށް ހާޒިރު ކުރަނީ
މުހައްމަދު ޝަރުހާން
އަހުމަދު ފާރިސް މައުމޫން
ވަކީލެއް ހަމަޖައްސަން ފާރިސަށް ވެސް ދެ ދުވަސް، ޝަރީއަތް އިންސާފުވެރިވާނެ ކަމާމެދު ޝައްކު: ފާރިސް
ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: ފާރިސް
ޝަރީއަތް މަޑުޖައްސާލަންޖެހޭ: ފާރިސް
މިއީ ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އިންސާފުވެރިވާނެ ކަމާމެދު ޝައްކު ކަމަށް ފާރިސް ވިދާޅުވެއްޖެ އެވެ.

ފާރިސް މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ފާރިސް ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާއު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ދައުވާ ކުރަމުންދާއިރު، ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި ޝަރީއަތް އިންސާފުވެރި ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން މިޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސައިލަން ޖެހޭ ކަަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. ހަމަ މި ތުހުމަތުގައި ފާރިސްގެ ބައްޕާފުޅު މައުމޫންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ރައީސް މައުމޫނަށް ވަކީލެއް ހަމަޖެއްސުމަށް ދެ ދުވަސް ދެއްވިއިރު، ހޯމަ ދުވަހު ބޭއްވި ފާރިސްގެ މައްސަލައިގެ އަޑުއެހުމުގައި ވަކީލެއް ހަމަޖައްސަން ފާރިސްއަށް ވެސް ދެއްވާފައިވަނީ ދެ ދުވަހެވެ. ރައީސް މައުމޫންއާއި ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބައްލަވަނީ ވެސް ގާޒީ އަހުމަދު ހައިލަމް އެވެ. 

ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމަށް ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލަ އެވެ. އަދި ފާރިސް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ 10 ދުވަސް ނުދެވޭނެ ކަމަށާއި ވަކީލެއް ހަމަޖައްސަން ދެ ދުވަސް ދެއްވާ ކަމަށެވެ. ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ ތަހުގީގު މަރުހަލާގައި ފާރިސްގެ ގާނޫނީ ވަކީލުން އައްޔަން ކުރައްވާފައިވާކަން އެނގެން އޮބައޮތް ކަމަށެވެ.

ގާޒީ ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށާއި ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމާއި ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަންކަން ފަހިކޮށް ދިނުމަށް ކޯޓުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރަށް ފާރިސް ވިދާޅުވީ އޭނާއަކީ ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނޫން ކަމަށާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ލިބޭ ބައެއް އިނާޔަތްތައް އޭނާ އަށް ނުލިބޭ ކަމަށެވެ. އަދި އެތަނުގައި އަމަލުކުރާ އުސޫލު ލިޔުން ނުލިބޭކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. އަދި ފާރިސް ވަނީ އެކަންކަން ހައްލު ކޮށްދިނުމަށް ވެސް އެދިލައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް