އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ވަގުތު، ސުޕްރީމް ކޯޓުގެ ތެރެ ފުލުހުން ވީޑީއޯކޮށްފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ދައުލަތުގެ ފަރާތުން އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ކްރިމިނަލް ކޯޓުގައި އެގޮތަށް ވިދާޅުވެފައި ވަނީ އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައެވެ.
ޕީޖީގެ ވަކީލާ ފަޒްނާ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ވަގުތު ފުލުހުން ވީޑީއޯ ކުރި ކަމަށާއި ޝަރީއަތުން ބޭނުންވާ ނަމަ އެ ވީޑީއޯ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. ފަޒްނާ އެގޮތަށް ވިދާޅުވީ އަލީ ހަމީދު ހައްޔަރު ކުރި ވަގުތު އޭނާ ސިޑިން ވެއްޓުނު ކަމަށް ވިދާޅުވުމުންނެވެ.
އަލީ ހަމީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ސިޑިންއަކުން ވެއްޓުނީ، ސިޑިން ފައިބަން ދެ ހަރުފަތަށްވެފައި ވަނިކޮށް ކަމަށެވެ. ސިޑިން ވެއްޓި، އުނަގަނޑަށް އަނިޔާވެފައިވާ ކަމަށާއި އެ އަނިޔާއާ ގުޅިގެން އުނަގަނޑުން ތިރި އައްސިވެ، ހިނގާބިނގާވެ އުޅެން ދަތިވެފައިވާ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.
އަލީ ހަމީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ފަޒްނާ ވިދާޅުވީ އޭނާ ހައްޔަރަށް ގެންދިޔަ ވަގުތު ފުލުހުން ކޮށްފައިވާ ވީޑީއޯ އިން ސިޑިން ވެއްޓުނުކަން އެނގެން ނެތް ކަމަށެވެ. އަދި ޝަރީއަތުން ބޭނުންވާ ނަމަ އެ ވީޑިއޯ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.
ވަކީލާ އެގޮތަށް ވިދާޅުވުމުން ގާޒީ ވަކިއެއްޗެއް ވިދާޅުނުވެ، ސުވާލު އަމާޒު ކުރެއްވީ އަލީ ހަމީދަށެވެ. އެކަމާ ގުޅޭ ގޮތުން އަލީ ހަމީދާ ސުވާލު ކުރެއްވުމުން އަލީ ހަމީދު ވިދާޅުވީ އޭނާއަކީ ސިއްހީ ގިނަ މައްސަލަތަކެއް ހުރި ބޭފުޅެއް ކަމަށާއި އެގޮތުން ލޭ މައްޗަށް ދިއުމާއި ހިތުގެ މައްސަލަ ވެސް ހުންނަ ކަމަށެވެ. އަދި ހިތުގެ އޮޕަރޭޝަނެއް ވަރަށް ފަހުން ކުރައްވާފައިވާ ކަމަށާއި ލިބިވަޑައިގަންނަވަންޖެހޭ ސިއްހީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް އަލީ ހަމީދު ގާޒީ އަރިހުގައި ވަނީ ވިދާޅުވެފައެވެ.
ސިޑިން ވެއްޓުނު މަންޒަރު ވީޑިއޯއިން ނުފެންނަ ކަަމަށް ވަކީލާ ވިދާޅުވުމުން، އެކަމާ އަލީ ހަމީދު އެއްޗެއް ވިދާޅެއް ނުވެއެވެ.
އަލީ ހަމީދު ވިދާޅުވީ އޭނާ ބަންދުކޮށްގެން ގެންގުޅޭ ގޮޅިން ހެނދުނު 7:00 އިން އިރުއޮއްސި 6:00އަށް ގޮޅިން ނުކުމެވޭ ގޮތް ކަރެކްޝަނަލް ސާވިސްއިން ހަދާފައިވާ ކަމަށާއި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ގުޅިން ވެސް ނުކުމެވޭ ވަރު ނުވާ ކަމަށެވެ.
އަލީ ހަމީދުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް އޭނާއަށް ފުރުސަތު ދެއްވާފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ގޮނޑީގައި އިށީނދެވަޑައިގެން އިންނަވައިގެން ވާހަކަފުޅު ދެއްކެވުމަށެވެ. ޝަރީއަތުގައި އަލީ ހަމީދު ވާހަކަފުޅު ދެއްކެވީ ވަރަށް މަޑުންނެވެ. އަޑުގައި ތުރުތުރުލުމެއް ފާހަގަ ކުރެވުނުއިރު، ވާހަކަފުޅު ދެއްކެވިލެއް މަޑުވުމުން ވިދާޅުވި ބައެއް ބަސްފުޅުތައް ވެސް ނޫސްވެރިންނަށް ސާފެއް ނުވެއެވެ.