މިދިޔަ އަހަރު ނިމެން ދެމަހަށް ވެފައި ވަނިކޮށް ބައި-އިލެކްޝަންތައް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 26 މިލިއަން ރުފިޔާ، އަނބުރާ ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހޯމަ ދުވަހު ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުން ލަފާ ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ގޮނޑިތަކުގެ ބައި-އިލެކްޝަންސްތައް ބޭއްވުމުގެ ތައްޔާރީތައް ވަމުން ދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މީގެ ކުރިން ވެސް އެ 12 ގޮނޑީގެ ބައި-އިލެކްޝަންތައް ބޭއްވުމަށް މަސައްކަތްކޮށް، ބަޖެޓް ހޯދުމަށް އެދުމުން 26 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ނަމަވެސް އޭރު 12 މެމްބަރުންގެ ގޮނޑީގެ މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި ޝަރީއަތުގެ މަރުހަލާގައި ވާތީ ބައި-އިލެކްޝަންތައް ފަސްކޮށް، އެ 26 މިލިއަން ރުފިޔާގެ ބޭނުން ކޮށްފައިނުވާނެ ކަމަށާއި އެ ބެޖެޓް ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާކަަށެވެ.
ޝަރީފް ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާތީ މިހާރު އެ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން ބައި-އިލެކްޝަންތައް ބޭއްވުމަށް މިހާރު ބޭނުން ވަނީ 14.1 މިލިއަން ރުފިޔާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 12 ގޮނޑީގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ކުރިން ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 26 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވެސް މިހާރު ތައްޔާރީތައް ވަމުންދާތީއާ އެކު ބައި-އިލެކްޝަންތަކަށް ބޭއްވުމަށް ދާނެ ކަމަށް މިހާރު ލަފާކުރެވެނީ 14.1 މިލިއަން ރުފިޔާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 12 ދާއިރާގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ބޭނުންވާ 14.1 މިލިއަން ރުފިޔާ ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމި ނަމަވެސް، އެމެމްބަރުންގެ ގޮނޑި ގާނޫނު އަސާސީގައި ބުނާ ގޮތުން ހުސްނުވާ ކަމަށާއި، އަދި މެމްބަރުންގ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް އެމެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން މެމްބަރުން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ގާނޫނީ ފަރާތްތަކުން ފާހަގަކުރެއެވެ.
އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު 1 ފެބްރުއަރީގެ ކޯޓު އަމުރުގައި ވެސް ބުނެފައިވެއެވެ. އަދި އެންޓި ޑިފެކްޝަން ޤާނޫނު ހަދައި، ރެޓްރޯސްޕެކްޓިވްކޮށް އެޤާނޫނު ހިނގާ ގޮތް ހަދައި، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެފަހުން އެމައްސަލައިގައި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
ބައި އިލެކްޝަން ބާއްވަން ފައިސާ ހޯދަން ފިނޭންސަށް ފޮނުވި ނަމަވެސް، ބައި އިލެކްޝަން ބާއްވާނެ ތާރީހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.