ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ ޓެރަރިސްޓެއް ނޫންކަަމަށް ވިދާޅުވެ، އެމަނިކުފާނު ދޫކޮށްލުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ގޮވާލައްވައިފިއެވެ.
މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނަކީ އޭނާއަށް ސިޔާސީ ގޮތުން އެންމެ ބޮޑު ސަޕޯޓެއް ދެއްވި ބޭފުޅާ ކަމަށެވެ. އަދި ޚިޔާލު ތަފާތުވި ވަގުތުތަކުގައިވެސް، ޕީޕީއެމްއިން ކަނޑާލުމުން ވެސް މުއާމަލާތްކުރެއްވީ ރީތިކޮށް ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނަށް ހިތުގައިވާ އިހުތިރާމެއްގެ ސަބަބުންކަމަށް މަހުލޫފު ވިދާޅުވިއެވެ.
Raees Maumoon akee alhuganduge siyaasee hayaathugai emmebodu support eh dhevvi faraaiy.Khiyaaluthafaathuvi vaguthuthakugaves, PPM inn kandaalumunves muaamalaaiykuree reethikoh.Eyee emanikfaanah alhuganduge hithugavaa ithiraamegge sababun. Eyee terrorist eh noon,minivankohdhevvaa. pic.twitter.com/SlatBG7eQV
— Ahmed Mahloof (@AhmedMahloof) April 29, 2018
މަހުލޫފަކީ ރައީސް މައުމޫން ޑީއާރްޕީ އުފެއްދެވީއް ސުރެ އެމަނިކުފާނާއިއެކު ސިޔާސީ މަސްރަހުގައި ފާހަގަ ކޮށްލެވުނު ޒުވާނެކެވެ. އަދި ރައީސް މައުމޫންގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަންވެސް ކުރެއްވިއެވެ. ޑީއާރްޕީ އާއި ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސްގެ މަޤާމު މަހުލޫފު އަދާކުރައްވާފައިވާއިރު، އޭނާ ވަނީ ރައީސް މައުމޫނާއިއެކު އެދެޕާޓީގެ ކައުންސިލްގައި ވެސް މަސައްކަތްކުރައްވާފައެވެ.
ރައީސް މައުމޫނު މިނިވަން ކުރުމަށް ގޮވާލައްވާ މަހުލޫފު ޓުވީޓުކުރައްވާފައިވަނީ ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނިކޮށް، އާދިއްތަ ދުވަހުއެވެ. އަދި ޓްވީޓްކުރެއްވިއިރު މަހުލޫފުވެސް ހުންނެވީ ޓެރަރިޒަމްގެ ދައުވާއެއް ކުރެވުމާއި ގުޅިގެން ގޭބަންދުކޮށްފައެވެ.