ކްރިމިނަލް ކޯޓުގެ ކޯޓު މާސްޓަރެއްގެ ވަޒީފާގައި އުޅުނު އަބްދުލްމުހައިމިނު އަބްދުލްރަހްމާން އާއި އެކޯޓުގެ ޑްރައިވަރެއްގެ ވަޒީފާގައި އުޅުނު އަލީ ޒާހިރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލަފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމައިފި އެވެ.
އެ ދެ މީހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެމީހުންގެ ވަޒީފާގެ ބަޔާނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިޤްރާރާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ހިލާފަށް ކްރިމިނަލް ކޯޓުގެ މުވައްޒަފުންނާއި ގާޒީންގެ ޤަދަރާއި އިހްތިރާމް ގެއްލޭގޮތަށް މުއާމަލާތް ކޮށްފައިވާތީ ކަމަށް ބުނެއެވެ.
މީގެއިތުރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް، ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށް ހުރަސްއަޅާފައިވުމާއި، ފުލުހުންގެ އިންޓެލިޖެންސުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ދެ މީހުންނަކީ ކްރިމިނަލް ކޯޓުގެ ގާޒީންގެ ސެކިއުރިޓީ ބަލަހައްޓައި, ގާޒީންގެ ކާރުކޮޅު ދުއްވާ ފަރާތްކަމަށްވާތީ، ގާޒީން ދަތުރުކުރައްވާ ރޫޓް އެނގޭފަދަ މަގާމެއްގައި ހުރެ، ގާޒީން ދަތުރު ކުރައްވާ މަގުތައް ހިއްސާކުރަން ނުޖެހޭ ފަރާތްތަކަކާއި ހިއްސާކޮށްފައިވާ ކަމަށް އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގައި ވެއެވެ.
އެކަމުގެ ސަބަބުން ކޯޓުގެ ގާޒީންނަށް ނުރައްކަލެއް ކުރިމަތިވުމަށް މަގުފަހިވެފައިވާތީ، މައްސަލަ ހުށަހެޅި ފަރާތުގެ އަމަލުތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުގެ ވަޒީފާގައި އިތުރަށް ބަހައްޓައިފި ނަމަ ތަނުގެ މުވައްޒަފުންނަށް ނުވަތަ ކްރިމިނަލް ކޯޓަށް ނުރައްކަލެއް މެދުވެރިވެދާނެ ފަދަ ހާލަތެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުމުން، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 2011ގެ 213 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަމްބަރާއި 7 ވަނަ ނަމްބަރަށް ރިއާޔަތްކޮށް އެގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރީކަމަށް ބުނެފައި ވެއެވެ.
ނަމަވެސް މި ދެ މީހުން ވަޒީފާއިން ވަކިކުރި މައްސަލަ ވަކިވަކިން ބެލުމަށް ފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނު ސަބަބުކަމަށް ބުނެ ހުށަހެޅި ކަންކަން މައްސަލަ ރައްދުވާފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ދެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގައި ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަމަށެވެ.
އެހެންކަމުން އަލީ ޒާހިރު އާއި އަބްދުލްމުހައިމިން އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކުރުމަށާއި، އެ ދެ މުވައްޒަފުންނަކީ ވަޒީފާއިން ވަކިވެފައިވާ މީހުންކަމަށް ނުބެލުމަށް ޓަރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.
މީގެއިތުރުން އެ ދެ މީހުންގެ ވަޒީފާގެ ކަންކަން ހަމަޖެހޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް މި އޭޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެއީ އެއްފަހަރާ އެ ދެ މީހުންނަށް ދިނުމަށް ފަހު، އެކަން ހަމެޖެހޭތާ ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މުވައްޒަފުން ވަކިކުރީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުން އަބްދުލްބާރީ ޔޫސުފް ވަކިކުރެއްވުމަށް ފަހުގަ އެވެ. އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިންނެވެ.