ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން މަރިޔަމް ސަޢީދު އަވަހާރަވުމަކީ ދިވެހި ޅެންވެރިކަމާއި ދިވެހި ކަނބަލުންނާއި ޖުމްލަކޮށް ދިވެހީންނަށް ލިބިގެންދިޔަ "ހިތާމަވެރި ހުސްކަމެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން 85 އަހަރުގައި މަރިޔަމް ސަޢީދު އަވަހާރަވެފައި ވަނީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އޭޕްރީލް 26، 2018 ވަނަ ދުވަހު ސްރީ ލަންކާގެ ކޮލަމްބޯގައެވެ.
މިހާރު ސްރީ ލަންކާގައި ހުންނެވި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަރިޔަމް ސައީދު "ދިވެހި ޅެންވެރިކަމަށާއި ކަނބަލުންނަށް އިތުރު އައްޔަކާއި ވިދުން ގެނެސްދެއްވި" އެވެ. އެކަމަނާއަކީ ރާއްޖޭގެ ތާރީހް ދުށް އެންމެ ވަރުގަދަ އެއް އަދީބުކަމުގައިވާ ހުސައިން ޞޮލާހުއްދީންގެ އެންމެ ހަގު ދަރިކަނބަލުންނެވެ.
"ދިވެހި ޅެންވެރި ޢާއިލާއެއްގައި ހިމެނިވަޑައިގެން، ތަފާތު ޖަޒްބާތު ތަކަކާއި މާނައިން ފުރިގެންވާ ޅެންތަކެއް ދިވެހީންނަށް ހަދިޔާކުރައްވައި، ދިވެހި ޅެންވެރިކަމަށާއި، ކަނބަލުންނަށް އިތުރު އައްޔަކާއި ވިދުން ގެނެސްދެއްވި އައްނަބީލާ މަރިޔަމް ސަޢީދު (މެދު ގަނޑުވަރު ތުއްތުގޮމާ، މާފަންނު ބަގީޗާގެ) އަވަހާރަވުން ވެފައިވަނީ ދިވެހި ޅެންވެރިކަމާއި، ދިވެހި ކަނބަލުންނާއި ޖުމްލަކޮށް ދިވެހީންނަށް ލިބިގެންދިޔަ ހިތާމަވެރި ހުސްކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ އެތަކެއް މަގާމެއް ފުރުއްވައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އަދި "ނިސްރީން" އާއި "ނީލް" ގެ ރަމްޒުތަކުގައި ދިވެހި ޅެންވެރިކަމަށް ތަފާތު އައްޔަކާއި ވިދުން ގެނެސްދެއްވި މަރިޔަމް ސަޢީދުގެ ޅެންވެރިކަން ވެގެން ގޮސްފައި ވަނީ ދިވެހި އަދަބިއްޔާތާއި ދިވެހިވަންތަކަމުގެ އުޖާލާ ރަމްޒުތަކެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ނާސިރާއި މަރިޔަމް ސައީދަށް ލިބިވަޑައިގެންނެވި ދެ ދަރިކަލުން ކަމުގައިވާ މުހަންމަދު ނާޞިރު އާއި ޢަލީ ނާޞިރު އަވަހާރަކޮށްލާފައި ވަނީ ސިޔާސީ ނާމާންކަމާއި ގުޅިފައިހުރި ވިޔަފާރީގެ ހަސަދަވެރި ކަމުގެ ތެރޭގައި ކަމަށާއި، "ދުނިޔަވީ ހަޔާތްޕުޅުގައި އެކަމަނާ ވަނީ ނިސްބަތުން ގިނިކަންޏާ، އަދި ހިމޭން ކަމާއި ކެތްތެރިކަމާއެކު ތަހައްމަލު ކުރައްވާފައި" ކަމަށެވެ.
"ޢަޞްރު ގެއްލި، މިހާރަށް އޮތީ އަދިރި ކަމާއި ބަނަކަން ކަމުގައިވިޔަސް، ހުސްކަމާއި ނާމާންކަން ފިލައި ދާނީ ވެސް، ކުރެވޭ ހިންމަތާއި މިންނަތުން، ނެރެވިފަވާ، އުޖާލާ އަލިތަކާއި ވިދުންތަކުން" ކަމުގައި ޝާއިރާ މަރިޔަމް ސަޢީދު ހާމަކޮށްދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަރިޔަމް ސައީދުގެ ޢާއިލާގައި ދެންތިއްބެވި އެއްބަފާ ބޭފުޅުންނަކީ ވެސް ދިވެހި ޅެންވެރިކަމަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅުންނެވެ. ޚާއްޞަގޮތެއްގައި މާލޭގެ އެއިރުގެ ދަރަވަންދޫގެ އާއި ބަގީޗާގޭ ބޭފުޅުންގެތެރެއިން ޖީލުގެ އުސްތާޛު މުހަންމަދު ޖަމީލް، ޢަބްދުﷲ ޖަމީލް މުހަންމަދު ސަޢީދު، ފާތުމަތު ސަޢީދު، އަދުނާނު ހުސައިން އާއި އިބްރާހީމް ޝިހާބް ފަދަ ބޭފުޅުން އެއީ ނުހަނު ކުޅަދާނަ ޅެންވެރި އަދި ސިޔާސީ ވެސް ބޭފުޅުންނެވެ.