ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 12:00
ލ. ގަމު މަތިމަރަދޫ އިންޖީންގެ
ލ. ގަމު މަތިމަރަދޫ އިންޖީންގެ
ރާއްޖެއެމްވީ
ލ. ގަން
ގަމު ކަރަންޓްގެ މައްސަލަ: ރައްޔިތުން ބޭނުން ވަނީ ރޯދައިގެ ކުރިން ހައްލެއް
އަންނަ ހަފްތާގައި ޖަނަރޭޓަރެއް ބޭނުންވާ ނަމަ ފޮނުވާނެ ކަމަށް ފެނަކައިން ބުނި
30 މިނެޓުން 30 މިނެޓުން ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ޖެހޭ
ފެނަކައިގެ ޓެކްނިކަލް ޓީމެއް ގަމުގައި ދަނީ ހަރަކާތްތެރިވަމުން

ހައްދުންމަތީ ގަމުގެ ބައެއް އަވަށްތަކުން ކަރަންޓް ކެނޑޭތީ އެރަށުގެ ގިނަ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ ގަމުގެ ބައެއް އަވަށްތަކުން ކަރަންޓް ކެނޑޭތީ އެރަށު ގިނަ ރައްޔިތުންނަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. މި ވަގުތު ވެސް ތުނޑީ އަވަށުގެ ބައެއް ސަރަހައްދުތަކުން 30 މިނެޓުން 30 މިނެޓުން ކަރަންޓް ކަނޑާލާ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

 ތުނޑީ އަވަށު އަލަށް އާބާދުވާ ސަރަހައްދުގައި މިވަގުތު ހުންނަނީ ޖުމްލަ 4 ޖަނަރޭޓަރު ކަމަށާއި އޭގެ ތެރެއިން އެއް ޖަނަރޭޓަރ ހަލާކުވުމުން، ތުނޑީގެ ބައެއް ސަރަހައްދުތަކުން ކޮންމެ ދުވަހު ވެސް ކަރަންޓް ކަނޑާލުމަށް ގަމު ފެނަކަ ކޯޕަރޭޝަނަން މަޖުބޫރުވެފައިވާ ކަމަށް ވެސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ވެސް ގަމު ރައްޔިތުން ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ މުޒާހަރާކުރި. މިއަދާ ހަމައަށް އައިރު ހައްލެއް ނުވޭ. ގަމު ރައްޔިތުންގެ އެދުމަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބުން،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ތުނޑީގެ އިތުރުން މުކުރިމަގު މަތިމަރަދޫގައި ވެސް ކަރަންޓްގެ މައްސަލަ ދިމާވާ ކަމަށާއި އެހެންނަމަވެސް ވަގުތީ ހައްލެއް ނުލިބޭކަން ގަމުން ވާހަކަދެއްކި ބައެއް މީހުން ބުންޏެއެވެ.

 

ލ. ގަމު މަތިމަރަދޫ އިންޖީންގެ 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގަމު ރައްޔިތަކު ބުނީ ކަރަންޓްގެ މައްސަލަ ދިމާވުމުން ގަމު ފެނަކަކޯޕަރޭޝަންގެ ޓީމުން މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ. އެހެންނަމަވެސް ބޭނުންވާ ބައެއް ސާމާނާއި ޖަނަރޭޓަރެއް ބޭނުވާ ނަމަ ޖަނަރޭޓަރެއް ފެނަކަ ކޯޕަރޭޝަނުން ފޯރުނުކޮށްދޭ ކަމަށާއި، އެކަމުގެ ސަބަބުން ދާއިމީ ހައްލެއް ނުލިބޭ ކަމަށެވެ. އަބަދުވެސް ލިބެނީ ވަގުތީ ހައްލު އެއީ ކުޑަ ދުވަސްކޮޅަކަށް ލިބޭ ހައްލެއް ކަމަށް އެނާ ފާހަގަކުރިއެވެ.

"މަތިމަރަދޫގެ ކަރަންޓްގެ މައްސަލަ ދިމާވުމުން، މިހާރު އެ ވަނީ ހައްލުކޮށްފަ، އެކަމް ހައްލުކުރީ ތުނޑީގައި ހުރި 800 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސްގެން ހަދައިގެން. އެއީ ދާއިމީ ހައްލެއް ނޫން އަބަދު ކަރަންޓްގެ މައްސަލަ ދިމާވާ ތަނެންގައި،" ގަމުން ރާއްޖެއެމްވީއަށް ވާހަކަ ދެއްކި މީހަކު ބުންޏެއެވެ.

ލ. ގަމު މަތިމަރަދޫ އިންޖީންގެ 

ފެނަކަ ކޯޕަރޭޝަން ހިންގުމާއި ހަވާލުވެ ހުރި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ ގަމުގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން މިހާރު ވެސް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ޓެކްނިކަލް ޓީމުން އެ ރަށުގައި މަސައްކަތްކުރުމަށް ފަހު، ކަރަންޓްގެ މައްސަލަ ހައްލުކުރަން އިންޖީނެން ބޭނުންވާ ނަމަ އަންނަ ހަފްތާގައި އިންޖީނެން ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް ލަމްއާން ވިދާޅުވިއެވެ.

ލ. ގަމު ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒިފަކު ނަންނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ގޮތުގައި މި ވަގުތު ގަމު ބުރާންޗަށް ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އަބަދުވެސް ކަރަންޓްގެ މައްސަލައެއް ދިމާވުން މައްސަލަ ހައްލުކުރަން ގެންނަނީ އެހެން ރަށެއްގައި ބޭނުންކޮށްފައިވާ ޖަނަރޭޓަރެއް ކަމަށާއި އެއީ ހައްލެއް ނޫން ކަމަށް އޭނާ ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް