ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 14:24
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަސައްކަތެއް ނުކޮށް ދޮޅުމަހަށް ފަހު މަޖިލިސް ޗުއްޓީއަށް!
މަޖިލިސް ފަށާނީ ޖޫން މަހު
އިދިކޮޅު މެމްބަރުން ބައިވެރިނުވާތާ 10 މަސް
އެންމެ ފަހުން މަޖިލިސް ބޭއްވީ މިދިޔަ މަހުގެ 14ގައި

އެއްވެސް މަސައްކަތެއް ނުކޮށް ދޮޅު މަހަށް ފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ހިނގެއްޖެ އެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން އެއް މަސް ދުވަހުގެ ޗުއްޓީއަށް މަޖިލިސް ދިޔަ ނަމަވެސް، ގަވާއިދުގައި ބުނެފައިވާ ގޮތަށް ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. 

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މާޗް 14 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމާފައި ވަނީ ޖޫން މަހު އެވެ. 

މިއަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ 11 ޖަލްސާއެވެ. އެ ޖަލްސާތަކުގައި ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހެޅި ބިލްތަކެވެ. އެ މުއްދަތުގެ ތެރޭގައި ރައީސް ޔާމީން ހުށަހެޅުއްވި ބޭފުޅުންގެ ނަންތަކެއް މިނިވަން މުއައްސަސާތަކަށް އައްޔަންކުރަން ރުހުން ވެސް ދިނެވެ.

މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ ކޮންޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ބާރުވެރިކަން ގަދަކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވާއިރު، މަޖިލިސް ވެސް ވަނީ ސިފައިން ބޭނުންކޮށްގެން ހިސޯރުކޮށްފަ އެވެ.

ގުޅިފައިވާ ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި މަޖިލިސް ބާއްވަމުން ދަނީ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކޮށްލަން ބޭނުން ކުރާ ޚާއްސަ ތަނެއްގެ ގޮތުގައެވެ. މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތާމެދު، ހިތްހަމަނުޖެހި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވާފައެވެ. އެ ބޭފުޅުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާތާ 10 މަސް ވަނީ ވެފައެވެ.

މަޖިލީހުން ނަގާ ވޯޓެއްގައި ހަމަވާންޖެހޭ ގާނޫނީ އަދަދު ނެތި، އެންމެ ފަހުން މަޖިލީހުން ފާސްކުރި ދެ ބިލު ބާތިލު ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ އެ ދެ ބިލު ފާސްކޮށްފައި ވަނީ "ޒަރޫރީ ހާލަތު"ގެ ދަށުން ކަމަށެވެ. ޒަރޫރީ ހާލަތަކީ އިޔާދަ ނުކުރެވޭނެ ގެއްލުމެއް ދިމާވެދާނެ ހާލަތެއްގައި، އަމަލު ކުރުން ހުއްދަ ހާލަތެއް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމްގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް