މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ކޯޗުކަމަށް ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު މަރްޔަން ސެކުލޮސްކީ ހަމަޖައްސައިފި އެވެ.
މާޒިޔާގެ ކޯޗުކަމަށް ސެކުލޮސްކީ ހަމަޖައްސާފައިވާއިރު، އޭނާ ވަނީ ހޮނިހިރު ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި މާޒިޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މާޒިޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެޓީމުގެ ހެޑް ކޯޗަކަށް ބިދޭސީ ކޯޗެއް ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެޓީމަށް ކޯޗުކޮށްދީފައިވަނީ ދިވެހި ދެ ކޯޗުންނެވެ. އެއީ އިސްމާއިލް މަހުފޫޒް (އިންމަ) އާއި އަލީ ސުޒެއިން އެވެ.
މާޒިޔާ އިން ބުނި ސެކުލޮސްކީ ގެންނަން އެޓީމުން ނިންމީ އޭނާ އަކީ ދިވެހި ފުޓުބޯޅަ ދަންނަ އަދި އޭއެފްސީ ތަޖުރިބާ ހުރި ކޯޗަކަށް ވުމުން ކަމަށެވެ.
މިޔަންމާގެ އަޔާވާދީ ޔުނައިޓެޑަށް ކޯޗުކޮށްދީފައިވާ ސެކުލޮސްކީ އެންމެ ފަހުން ހަވާލުވެގެން ހުރީ ޔަންގޮން ޔުނައިޓެޑާއެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން މި އަހަރު އެ ޓީމު ވަނީ އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ވެސް ކުޅެފަ އެވެ.
އުމުރުން 43 އަހަރުގެ ސެކުލޮސްކީ ވަނީ މެސެޑޯނިއާގެ ބައެއް ޔޫތު ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައެވެ. އެގޮތުން އޭނާ ވަނީ 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދާފަ އެވެ.
އަންނަ ސީޒަނާ ކުރިމަތިލާއިރު، މާޒިޔާ ދޫކޮށް މިހާރު ވަނީ މުހިންމު ހަތަރު ކުޅުންތެރިން ގޮސްފައެވެ. އެއީ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު (އިއްމަ)، އަލީ އަޝްފާގު (ދަގަނޑޭ)، އިސްމާއިލް އީސަ (މެސީ) އަދި އިތުބާރު ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) އެވެ.