ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް ލޮލުގެ ފަރުވާ ދިނުމަށް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެދުމުން، ހަމުގެ ހާއްސަ ޑޮކްޓަރަކަށް އޭނާ ދައްކައިފިއެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބު ޑޮކްޓަރަށް ނުދައްކާތާ ދެ މަސްވެފައިވާ ކަމަށާއި ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް އެދިފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި އަދީބުގެ ލޯ ދެއްކުމަށް ޑޮކްޓަރަކު މާފުށީ ޖަލަށް ގެންދިޔަ ކަމަށާއި ބެލިބެލުމުން އެނގުނު ގޮތުގައި އެ ޑޮކްޓަރަކީ ހަމުގެ ހާއްސަ ޑޮކްޓަރެއް ކަމަށް ސިރާޖު ވިދާޅުވިއެވެ.
ތަފާތު އެކި ހުކުމްތަކުގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ ލޮލަށް ގްލުކޮމާ ޖެހި، އޭނާގެ ލޮލުގެ ފެނުން ދައްވަމުންދާތީ، ޑޮކްޓަރުން ލަފާދީފައި ވަނީ ރާއްޖެ އިން ބޭރުން އަވަހަށް ފަރުވާ ހޯދުމަށެވެ. ނަމަވެސް އޭނާ ރާއްޖެ އިން ބޭރަށް ގެންދިއުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ފުރިހަމަކޮށްފައެއް ނުވެއެވެ.
އަދީބަށް ދޭންޖެހޭ ބޭސްފަރުވާ ނުދީ ލަސްކޮށް، އޭނާއަށް ރާއްޖެއިން ބޭރުން ދޭންޖެހޭ ފަރުވާ ދިނުމަށް ދައުލަތުން ދެކޮޅު ހަދަމުންދާތީ، އަދީބު ވަނީ ސަރުކާރުގެ ތިން އިދާރާއެއްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައެވެ. އެގޮތުން ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ހޯމް މިނިސްޓްރީ މައްޗަށް އަދީބު އުފުލި ދައުވާގެ ފުރަތަމަ އަޑުއެހުމުން ބުރާސްފަތި ދުވަހު ސިވިލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.