ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 08:17
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ފަލަ ސުރުހީ
ޓެރެރިޒަމްގެ ގާނޫނު ފާސްކުރީ ސީދާ ސިޔާސީ މީހުންނަށް އަމާޒުކޮށް: އިންތި
އިންތި ވިދާޅުވި ގޮތުގައި ސިޔާސީ މީހުންނަށް ޓެރެރިޒަމްގެ ދައުވާ އުފުލަނީ ރައީސް ޔާމީނަށް އެކަމުން ހިތްހަމަޖެހުން ލިބޭތީ

އެކި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރާ ކޮންމެ ބޭފުޅެއްގެ މައްޗަށް ވެސް އުފުލަމުންދަނީ ޓެރެރިޒަމްގެ ދައުވާ ކަމަށާއި، އެ ގާނޫނު ފާސްކޮށްފައި ވަނީ ވެސް ސީދާ ސިޔާސީ މީހުންނަށް އަމާޒުކޮށް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްވަމުން އިންތި ވިދާޅުވީ، އެންޓި-ޓެރެރިޒަމްގެ ގާނޫނު ފުރަތަމަ މަޖިލީހަށް ހުށައެޅި ދުވަހު ވެސް އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ، އެ ގާނޫނު ހެދީ ސިޔާސީ މީހުނަށް ޝަރީއަތް ހިންގުމަށް ކަމަށެެވެ.

"ސަރުކާރުން ސިޔާސީ މީހުން ހައްޔަރުކޮށް ފުރަތަމަ ވެސް އެ ގާނޫނު އެއަށް ލީމައި ބޮޑު އަދަބެއް، އަބުދުﷲ ޔާމީން ހިތްހަމަޖެހޭވަރުގެ ބޮޑު އަދަބެއް މެންބަރަކު ނުވަތަ ސިޔާސީ މީހަކު ލާފައި ބެހެއްޓީމައި ދެވޭނެ ނޫންތޯ. އެ ހިތްހަމަ ޖެހުން ހޯއްދަވަން ކުރެއްވި ކަމެއް މިއީ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ހުކުމެއް ނެރުމުން އެކަން ވެސް ވީ ޓެރެރިޒަމަށް ކަމަށެވެ. އަދި ފުލުހުން އެ އަމުރު ތަންފީޒު ކުރަން އުޅުމުން ވެސް ވީ ޓެރެރިޒަމަށް ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ޓެރެރިޒަމްގެ ގާނޫނު ފާސްކުރުމަށް ފަހު ދަށުން އެ ގާނޫނުގެ ދަށުން މިހާތަނަށް އަމަލުކޮށްފައި އޮތީ ހަގީގަތުގައި ޓެރެެރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކުގެ ބަދަލުގައި ސިޔާސީ މީހުންގެ މައްޗަށް ކަމަށެވެ.

"ލިސްޓް ކިޔާލާއިރު ހުސް ސިޔާސީ މީހުންނަށް. ސަރުކާރަށް ފާޑުކިޔާ ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާ މީހުންނަށް. ތަރުތީބުން ހުސް ސިޔާސީ މީހުންނަށް،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އޭނޭގެ ޕާސްޕޯޓް ހިފަހައްޓައި ތަގުގީގު ހިންގަމުންދަނީ ޑިމޮކްރެސީއާ އެންމެ ގާތް އެއް މަސައްކަތް ކަމުގައިވާ މީޑިއާއަށް މައުލޫމާތު ދިނުމުން ކަމަށެވެ. ނަމަވެސް ސަރުކާރާ ގުޅާލައިގެން "ކަންދަހާރު" ނުވަތަ "ސީރިއާ"އަށް ދިއުމަށް މަސައްކަތް ކުރި ނަމަ ވަގުތުން ޕާސްޕޯޓް ވެސް ދޫކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ޓެރެރިޒަމަށް ހިތްވަރުދީ އެ އަމަލުތައް ހިންގެވި މީހުން ދޫވެފައި ތިބޭއިރު، އެމީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުގެ ނުބައި ރޭވުމުގެ ދަށުން ޓެރެރިޒަމްގެ ޝަރީއަތް ހިންގަވަނީ، ސިޔާސީ މީހުންނަށް އެކަނި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް