ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެއިން ފިޔާޒް މުސާއަށް ވަޅިން ހަމަލާދޭން ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ކޮންޓްރެކްޓަށް ޒުވާނަކަށް ހަވާލުކުރި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތުން ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ހުސެއިން ފިޔާޒް މުސާއަށް ވަޅިން ހަމަލާދޭން ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ކޮންޓްރެކްޓަށް ޒުވާނަކަށް ހަވާލުކުރި ކަމަށް އަޑުއިވުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަމަކީ މިހާރު ވެސް ނެތެމުން މިދާ ނޫސްވެރިކަމަށް ކުރިމަތިވި އިތުރު ބިރުވެރިކަމެއް ކަމަށް އަދާލަތުން ބުންޏެވެ.
Adhaalath Party is deeply concerned about the reports of a planed stabbing attempt on the COO of @Raajje_tv @hussainfiyaz
— Adhaalath Party (@AdhaalathOffice) April 26, 2018
This is an attempt to aggravate the already eroding press freedom.
We call on authorities to investigate the case with utmost priority#journalismisnotcrime
މި މައްސަލަ ވީ އެންމެ އަވަހަކަށް, ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަދާލަތުން ވަނީ ގޮވާލާފައެވެ.
ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެއިން ފިޔާޒް މުސާއަށް ވަޅިން ހަމަލާދޭން ބަޔަކު މަސައްކަތްކުރިކަމުގެ މައުލޫމާތު ލިބިފައި ވާކަން ހާމަކޮށް، ސްޓޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފިޔާޒަށް ހަމަލާދީ ޒަހަމްކޮށްލުމަށް ހަވާލު ކުރީ ޒުވާނަކަށް ކަމަށާއި އެކަމުގެ ކޮންޓްރެކްޓް އަގެއްގެ ގޮތުގައި އެއް ލައްކަ ސާޅީސް ހާސް ރުފިޔާ ހުށަހެޅި ކަން ވެސް އެނގިފައިވާ ކަމަށެވެ.
އެކަން ކުށްވެރިކޮށް ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ،، ފިޔާޒަށް ގަސްދުގައި ގެއްލުން ދޭން ރޭވި ރޭވުމަކީ ރާއްޖޭގައި ނޭވާ ހޮޅިޔަށް އެޅިފައި އޮތް މިނިވަން ނޫސްވެރިކަން އިތުރަށް ބިރުވެރި ކަމުގެ ތެރެއަށް ވައްޓާލާ، ނޫސްވެރިންގެ ހިތްތަކުގައި ނުތަނަވަސް ކަން އިތުރުކޮށް ނޫސްވެރިން ފަހަތައް ޖެއްސުމަށް ކުރި ކަމެއް ކަމުގައި ވެސް މި ސްޓޭޝަނުން ދެކޭ ކަމަށެވެ.