ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 08:02
ޕީޕީއެމް އިން ބޭއްވި ޖަލްސާގައި އަލީ މައުރޫފް ވާހަކަ ދައްކަވަނީ
ޕީޕީއެމް އިން ބޭއްވި ޖަލްސާގައި އަލީ މައުރޫފް ވާހަކަ ދައްކަވަނީ
ޓްވިޓަރ
އަލީ މައުރޫފު
އިސްލާމް ދީން އުފަންވެފައި ވަނީ ބޮޑު ތިލަދުންމަތިން: މައުރޫފް
ރައީސް އަބްދުﷲ ޔާމީނަކީ ދީނީ ވަރުގަދަ ލީޑަރެއް ކަމަށް ވިދާޅުވި

އިސްލާމް ދީން އުފަންވެފައި ވަނީ ބޮޑު ތިލަދުންމަތިން ކަމަށާއި، އިސްލާމް ދީނަށް ދެވުނު ނަސްރެއް ދީފައި ވަނީ ވެސް ބޮޑު ތިލަދުންމަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުލޫފް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އިން، ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އަލީ މައުރޫފް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ތިން ފަހުލަވާނުންގެ ވާހަކަ އަޑު އަހާފައިވާ ކަމަށެވެ. އަދި އެ ތިން ބޭފުޅުންނަކީ މިި ސަރުކާރު ނެގެހެއްޓުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ތިން ބޭފުޅުން ކަމަށް އަލީ މައުރޫފް ވިދާޅުވިއެވެ. 

މައުރޫފް އިޝާރަތްކުރައްވާފައި ވަނީ އއ. އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ތިން މެމްބަރުންނަށެވެ. އެއީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އަށް ކަމަށް ބެލެވެއެވެ. މައުރޫފް ވަނީ އެ ތިން ބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރު ވެސް އަދާކުރައްވާފައެވެ. 

 

"އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ ދިވެހިން. މި ބޮޑު ތިލަދުންމަތިން އުފަންވެފައިވަނީ އިސްލާމް ދީން. އިސްލާމް ދީނަށް ދެވުނު ނަސްރެއްދީފައި ވަނީ މި ބޮޑުތިލަދުންމަތިން. އަޅުގަނޑު ބޮޑުތިލަދުންމައްޗަށް ނިސްބަތްކުރީތީ އަޅުގަނޑު އުފާކުރަން. އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ގަބޫލުކުރަންޖެހޭނެ އަޅުގަނޑުމެންނަށް ލިބުނު ނިޔުމަތެއް ލިބިފައި ވަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ތިބީމަކަން،" މައުރޫފް ވިދާޅުވިއެވެ. 

އަލީ މައުރޫފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ ދީނީ ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދީނީ ވަރުގަދަ ބަތޮލޮއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ވިއްކުމަށް މިއަދު އުނދަގޫ ނުވާކަން ފާހަގަކޮށް އަލީ މައުރޫފް ވިދާޅުވީ ނ. އަތޮޅުން ފެށިގެން ހއ. އަށް އެތަށް ކަންތައްތަކެއް ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް