ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 17:41
ސިވިލް ކޯޓުގެ ޝަރީއަތަށް ފަހު ކަރެކްޝަނުން އޭނާ ޖަލަށް ގެންދަނީ
ސިވިލް ކޯޓުގެ ޝަރީއަތަށް ފަހު ކަރެކްޝަނުން އޭނާ ޖަލަށް ގެންދަނީ
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
ގާޒީއަށް އަދީބުގެ އިލްތިމާސް: އަނދިރިވުމުގެ ކުރިން ގޮތް ނިންމާ ދެއްވާ!
އަދީބު ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: އޭޖީ
ބޭރަށް ފޮނުވާލުމުގެ އިޖުރާއަތު ފުރިހަމަކޮށްފައެއް ނުވޭ: އޭޖީ
އެކަން ފުރިހަމަ ކުރަންޖެހޭނީ ދައުލަތުން، ދައުވާ ކުރީ އެހެންވެ: ސިރާޖު

ލޮލުގެ ފެނުން ގެއްލި، ލޯ އަނދިރިވުމުގެ ކުރިން ބޭސްފަރުވާ ފުރިހަމަކޮށް ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އަމުރު ކޮށްދެއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިވިލް ކޯޓުގައި ބުރާސްފަތި ދުވަހު އެދިވަޑައިގެންފި އެވެ.

އަދީބު އެގޮތަށް އެދިވަޑައިގެންފައި ވަނީ "ގްލުކޮމާ" ކިޔާ ލޮލުގެ ބައްޔެއް ޖެހި ރާއްޖެއިން ބޭރުން ފުރިހަމަ ކުރަންޖެހޭ ފަރުވާ ފުރިހަމަ ނުކުރެވި ލަސްވަމުންދާތީ ދައުލަތުގެ ތިން އިދާރާއެއްގެ މައްޗަށް އޭނާ އުފުލި މަދަނީ ދައުވާގެ ފުރަތަމަ އަޑުއެހުމުގައެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ހޯމް މިނިސްޓްރީ މައްޗަށް އަދީބު އުފުލި ދައުވާގެ ފުރަތަމަ އަޑުއެހުމުން ބުރާސްފަތި ދުވަހު ސިވިލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ދެއްކެވި ވާހަކަފުޅުތަކާ ހަވާލާ ދެއްވައި އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބަށް ގުލްކޯމާ ޖެހިފައިވުމުން ލޮލުގެ ރެޓިނާއަށް އަސަރުކޮށް ލޮލުގެ ފެނުން ދައްވަމުންދާ ކަމަށް ގާޒީގެ އަރިހުގައި އަދީބު ދެންނެވި ކަމަށެވެ. އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާ ދައުލަތުން ފުރިހަމަ ނުކުރުމަކީ މަދަނީ ހައްގެއް ގެއްލިގެން ދިއުމުން ކަމަށާއި ސިވިލް ކޯޓުގައި ދައުވާ އުފުލީ އޭނާގެ ލޮލުގެ ފެނުން ގެއްލި ދިއުމުގެ ކުރިން އެ ހައްގު ހޯދުމަށް ކަމަށް އަދީބާ ހަވާލާ ދެއްވައި ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ލޮލުގެ ފެނުން ގެއްލި، ލޯ އަނދިރިވުމަކީ އިޔާދަ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް މެދުވެރިވުމުގެ ކުރިން ނިޔާއެއް ކަނޑައަޅުއްވައި ދެއްވުމަށް އަދީބު ސިވިލް ކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ދައުލަތާ ދެކޮޅަށް އަދީބު ސިވިލް ކޯޓުގައި އުފުލި ދައުވާއާ ގުޅިގެން ކޯޓުގައި ޖަވާބުދާރީވެ ވަޑައިގެންނެވީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ސިވިލް ކޯޓުގައި ވިދާޅުވީ އަދީބު ކުރެއްވި ދައުވާއަކީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށާއި ސަބަބަކީ ގައިދީންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޭނާ ފުރިހަމަ ކުރައްވާފައި ނުވުމުން ކަމަށެވެ. އަދީބަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން ހުއްދަ ދީފައި ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

ރައްދުގައި އަދީބުގެ ދިފާއީ ވަކީލު، ސިރާޖު ވިދާޅުވީ ރާއްޖެއިން ބޭރުން އަދީބަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށާއި އެކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނީ ދައުލަތުން ކަމަށެވެ. ގާނޫނުތަކާއި ގަވާއިދުތަކުން ބާރު އަޅަނީ ދައުލަތުން ބަލަހައްޓާ މީހުންގެ ކަންކަން ފުރިހަމަ ކުރަން ޖެހޭނީ ދައުލަތުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދީބަށް ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ދީފައިވާ ލަފާ މެޑިކަލް ކައުންސިލަށް ހުށަހަޅަން ޖެހޭނީ ކަރެކްޝަނުން ކަމަށާއި ކަރެކްޝަނުން އެ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ދައުލަތުން ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދީބު ސިވިލް ކޯޓުގައި އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ނެގި އިޖުރާއީ ނުކުތާއާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތް ނިންމަވައި ދެއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ، އަލީ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގެ ދެ ވަނަ އަޑުއެހުމެއް އަންނަ ހަފްތާގައި އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް