މިއަދު މެންދުރު ހުޅުމާލޭގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވާ އެއްތަނަކީ ހުޅުމާލެ ފޭސްދޭއްގައި އެހެލާފައި އޮތް ބާޖެއްގައި ކަމަށާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ދެން އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކަމަށާއި އެ ސަރަހައްދުގައި އޮތް ކޮންޓެއިނާ އުފުލާ އުޅަނދެއްގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި ހުޅުލެ ފަޔަރ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި މި ދެ އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު އެއްވެސް މީހަކަށް އަނިޔާ ލިބިނުކަން ނުވަތަ ނޫންކަން އަދި ވަނީ ސާފުވާ ގޮތެއް ނުވެފައެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބު ވެސް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކޮންޓެއިނަރތައް އުފުލަން ގެންގުޅޭ ވެހިކަލްގައި ކަމަށެވެ. އަދި އަލިފާން ރޯވި ވަގުތު އެ ވެހިކަލް ދުއްވަން އިން ޑްރައިވަރު އެއިން ފުންމާލި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.