ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުކޮށްފައިވާ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިން އާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދު ގޭ ބަންދުގައި ހުއްޓާ އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.
އެ މީހުންގެ ގާނޫނީ ވަކީލު ސަފާ ޝަރީފް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެންދުނު 09:30 ސައިފާއި ފާއިޒު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް ބުދަ ދުވަހުގެ ރޭ އެންގި ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރު ކުރުމަށް ފަހު، އެ ދެ މީހުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަމުންދާ ކަމުގެ އިންޓެލް ރިޕޯޓެއް ލިބިފައިވާ ކަމަށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވި ކަމަށް ސަފާ ވިދާޅުވިއެވެ. ނަމަވެސް އެ ދެ މީހުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަމުންދާ ކަމަށް އިންޓެލް ރިޕޯޓުގައި ފާހަގަކޮށްފައިވީ ނަމަވެސް ކުރީ ކޮން ކަންތައްތަކެއް ކަމެއް ދައުލަތުން ހާމަކޮށް ދެއްވާފައި ނުވާ ކަމަށް ވެސް ސަފާ ވިދާޅުވިއެވެ.
ސަފާ ވިދާޅުވީ ސައިފާއި ފާއިޒު، ޖަލުގައި ބަންދުކުރުމަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
ސަފާ ވިދާޅުވީ އެމީހުން ޖަލުން ގޭ ބަންދަށް ބަދަލުކުރިއިރު، ކަމާ ގުޅުން ހުރި އެއްވެސް ފަރާތަކާ އެކު ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރަން ޝަރުތު ކުރި ކަމަށާއި އެ ޝަރުތާ އެ ދެ މީހުން ހިލާފު ނުވާ ކަމަށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވި ކަމަށް ސަފާ ވިދާޅުވިއެވެ. ނަމަވެސް އިންޓެލް ރިޕޯޓްގައި އެ ދެ މީހުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކުރަމުންދާކަން ފާހަގަ ކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށް ސަފާ ވިދާޅުވިއެވެ.
Based on an intel report, SO Faiz and SO Saif, changed back to remand jail after they were changed to house arrest on 24th. This report was not shared with the defendants hence depriving them of the right to defend themselves.
— Safa Sharyf (@safasharyf) April 26, 2018
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައިވާ އެސްއޯ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ. ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކަމާ ގުޅުން ހުރި އެއްވެސް ފަރާތަކާ އެކު ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެޑްރެސް ބަދަލުވާ ނަމަ ކޯޓަށް އެންގުމަށެވެ.
ޖަލު ބަންދުގައި ތިބި އަށް ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، އެމީހުންގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ހިލާފު ވެއްޖެ ނަމަ އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް އަންގާފައި ވެއެވެ.
އެސްއޯ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ. އެ 30 ދުވަސް ހަމަވާއިރު ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭ ނަމަ ކޯޓަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް ވެސް ކޯޓުން ވަނީ އަންގާފައެވެ.
އެސްއޯ ފުލުހުން ކ. މާފުށީ ޖަލުގައި ބަންދުގައި ތިބިއިރު، އެމީހުންގެ ނުރުހުމުގައި އެމީހުންގެ ބޯ ބޭލި ކަމަށް ބުނާ މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފައި ވަނީ އެސްއޯ ފުލުހުންގެ ބޯ ކޮށީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.
ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިން އާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.
އެފުލުހުން މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމިކަން އަންގައި އެ ފުލުހުންނަށް ފޮނުވާފައިވާ ލިއުމުގެ ވާގޮތުން އެ ފުލުހުންގެ މައްޗަށް ތުހުމަތު ކުރަނީ އެ ފުލުހުން އިތުރު ބަޔަކާއި ބައިވެރިވެގެން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ޤާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލަން އުޅުނު ކަމަށެވެ.
މިމައްސަލާގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ވެސް މަޤާމުން ވަކިކޮށް ފަހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.