ޗައިނާ ރެޑް ކްރޮސް ސޮސައިޓީގެ ނޮން އެމަރޖެންސީ ހިއުމަނިޓޭރިއަން އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ދިވެހި ރެޑް ކްރެސެންޓް އަށް އެހީތެރިކަން ފޯރުކޯށްދީފިއެވެ.
ދިވެހި ރެޑް ކްރެސެންޓުން ބުނެފައި ވަނީ ޗައިނާ ރެޑް ކްރޮސް ސޮސައިޓީގެ ނޮން އެމަރޖެންސީ ހިއުމަނިޓޭރިއަން އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ހަދިޔާގެ ގޮތުގައި ދީފައި ވަނީ 177,000 (އެއްލައްކަ ހަތްދިހަ ހަތްހާސް) ޑޮލަރުގެ އަގު ހުރި ލެޕްޓޮޕާއި، ޑެސްކްޓޮޕް ކޮމްޕިޔުޓަރާއި، ހާރޑް ޑިސްކް އަދި ޝްރެޑަރ ފަދަ ސާމާނު ކަމަށެވެ. މިތަކެތީގެ އެހީގައި ދިވެހި ރެޑް ކްރެސެންޓްގެ މައިމަރުކަޒާއި، ގޮފިތަކާއި، ޔުނިޓްތަކުން އިންސާނީ އެހީ ފޯރު ކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް ލުއި ފަސޭހަ ލިބިގެންދާނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެއެވެ.
އިންސާނިއްޔަތުކަމުގެ ރޫހުގެ މަތިން، އެކި ގޮތް ގޮތުން އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް މިތަކެތިން ބައެއް ތަކެތި، ދިވެހި ރެޑް ކްރެސެންޓުން ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށާއި ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ޑެސްކްޓޮޕް ކޮމްޕިޔުޓަރާއި، ހާރޑް ޑިސްކް ޑްރައިވް، ލެޕްޓޮޕް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. މިތަކެތި ހަވާލު ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި:
ކެއަރ ސޮސައިޓީ
މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސް
ފިޔަވަތި (ހުޅުމާލެ ކުޑަކުދިންގެ ހިޔާ)
ކުޑަކުދިންގެ ހިޔާ (ވިލިމާލެ)
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (ކ.ގުރައިދޫ)
މޯލްޑިވްސް އެންސީޑީ އެލަޔަންސް
ނެޝަނަލް ޑްރަގް އޭޖެންސީ
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވެސް
މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން
މޯލްޑިވްސް ކެޑޭޓް ކޯރ
މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓްގެ ގޮފިތަކާއި، ޔުނިޓްތައް ހިންގާ ރަށްތަކުން ހޮވާލާ 16 ސްކޫލަކާއި 16 ހެލްތު ސެންޓަރ/ހޮސްޕިޓަލްތަކަށް، އެ މުއައްސަސާތަކުން ދިވެހި ރެޑް ކްރެސެންޓްގެ އެކި މަސައްކަތްތަކަށް ދޭ އެއްބާރުލުން ފާހަގަ ކުރުމަށްޓަކައި މި ތަކެތި ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އެ ފަރާތުން ބުންޏެވެ.