ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 23:02
ރައީސް އަބްދުﷲ ޔާމީން: ފެބުރުއަރީ 1 ވަނަ ދުވަހާ ގުޅޭ ގޮތުން ރައީސް ޔާމީން ވާހަކަދެއްކެވި
ރައީސް އަބްދުﷲ ޔާމީން: ފެބުރުއަރީ 1 ވަނަ ދުވަހާ ގުޅޭ ގޮތުން ރައީސް ޔާމީން ވާހަކަދެއްކެވި
ރައީސް އޮފީސް
އެމްއެންޑީއެފްގެ އަހަރީ ދުވަސް
ފެބުރުއަރީ 1 ގައި ދެ ތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަން ވިއްކާލި: ރައީސް ޔާމީން
1 ފެބުރުއަރީގައި ސިފައިން ދެއްކެވި ހިތްވަރާއި، ސާބިތުކަމަށް ޝުކުރު އަދާކުރެއްވި
ފެބުރުއަރީ 1 ވަނަ ދުވަހުގެ ހަމަލާ ކާމިޔާބުވި ނަމަ އެންމެ ބޮޑު ފައިދާ ލިބޭނީ ކާކަށްތޯ ސުވާލުކުރެއްވި
ލިބުނު ފިލާވަޅަކީ މަތީ މަޤާމުތަކާއި ޝަރަފުތަކަކީ ކޮންމެހެން ޤައުމަށް ވަފާތެރިކަން ދައްކުވައިދޭ ނިޝާންތަކެއް ނޫންކަން

ނޮވެމްބަރު 3, 1988 އާއި، މި އަހަރުގެ ފެބްރުއަރީ މަހުގެ 1 އާއި އެއްވެސް ތަފާތެއް ނެތް ކަމަށާއި، 1 ފެބުރުއަރީގައި ދެތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަން ވިއްކާލި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. 

ދިފާއީ ހިދުމަތްތަކުގެ ތެރެއިން، އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރު ތަންފީޒްނުކޮށް 1 ފެބުރުއަރީގައި ސިފައިން ދެއްކި ހިތްވަރާއި، ސާބިތުކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީން ވަނީ ފެބުރުއަރީ 1 ވަނަ ދުވަހުގެ ހަމަލާ ކާމިޔާބުވި ނަމަ އެންމެ ބޮޑު ފައިދާ ލިބޭނީ ކާކަށްތޯ ސުވާލުކުރައްވާފައެވެ. 

އޭގެ އިތުރުން ރައީސް ޔާމީން ވަނީ ރޭވިފައި ވާގޮތަށް ކަންތައްތައް ނުދިޔުމުން އެކަމުގެ ނުތަނަވަސްކަމާ ހިތްހަމަ ނުޖެހުން އެންމެ ބޮޑީ ކޮންބައެއްގެތޯ ވެސް ސުވާލުކުރައްވާފައެވެ. އަދި 3 ނޮވެމްބަރާއި، 1 ފެބުރުއަރީ އިން ލިބުނު ފިލާވަޅު ވިދާޅުވެދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ދެ ދުވަހު ލިބުނު ފިލާވަޅަކީ މަތީ މަޤާމުތަކާއި ޝަރަފުތަކަކީ ކޮންމެހެން ޤައުމަށް ވަފާތެރިކަން ދައްކުވައިދޭ ނިޝާންތަކެއް ނޫންކަން ކަމަށެވެ. 

"ފެބުރުއަރީ 1 ގައި ދެތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަމާއި ޝަރަފު ވިއްކާލީ އެންމެ އިތުބާރު ހިފެންޖެހޭ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން،" ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ އެ ދެ ތާރީހުގައި ލިބުނު ފިލާވަޅުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރި ވަނީ ކީއްވެތޯ ބަލަންޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފެބުރުއަރީ އެއް ވަނަ ދުވަހު ހިކުމަތްތެރިކަމާ އެކު އަމަލުނުކުރި ނަމަ ވެރިކަމުގައި ތިބޭނެ ބަޔަކާ މެދު ވެސް ވިސްނާލަންޖެހޭ ކަމަށެވެ. 

އެމްއެންޑީއެފްގެ އަހަރީ ދުވަހުގެ އެ ޖަލްސާގައި، ފެބުރުއަރީ 1 ގެ ވާހަކަ ވިދާޅުވުމަށް ފަހު، އެމަނިކުފާނުގެ ވާހަކަފުޅު ވަނީ ނިންމަވާލައްވާފައެވެ. އަދި ދައުލަތާ ތޮޅޭ ފަރާތްތަކުގެ ކިބައިން ދައުލަތް ސަލާމަތްކޮށްދިނުމަކީ ސިފައިންގެ ޒިންމާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް