ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ދެ ބޭފުޅުން އަދި ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދެ ބޭފުޅުން އައްޔަނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމަވާފައި ވަނީ ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓެރޭޓްގެ މަޤާމުގައި ހުންނެވި ގއ. ވިލިނގިލި ފްރެޝް، ޙަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް، އިސްމާޢީލް ރަޝީދެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމަށް ޢައްޔަންކުރުމަށް ނިންމަވާފައި ވަނީ ގދ. ފަރެސްމާތޮޑާ، މުޝްތަރީގެ، ޙާފިޘާ ޢަބްދުއްސައްތާރާއި ގދ. ތިނަދޫ ޒެނިތު، ޙުސައިން ފާއިޒް ރަޝާދުއެވެ. ހުސައިން ފާއިޒް ރަޝާދަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅާއެވެ.