ޔުއެފާ ޗެމްޕިއަންސް ލީގަކީ ގަނެވޭނެ މުބާރާތެއް ނޫން ކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ރެއާލް ނުކުންނައިރު މިއީ 2011 ވަނަ އަހަރުގެ ފަހުން މި މުބާރާތުގެ ސެމީ ފައިނަލުގައި މި ދެ ޓީމު ވާދަކުރާ ތިންވަނަ ފަހަރެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނައިން ކުޅެވޭ މެޗަށްވާ އިރު މި ދެ ޓީމު ވަނީ މީގެ ކުރިން 24 ފަހަރު މި މުބާރާތުގައި ވާދަކޮށްފައެވެ. ކޮންމެ ޓީމަކުން ވެސް ވަނީ މިހާތަނަށް 11 މެޗު ކާމިޔާބުކޮށްފައެވެ.
ރެއާލް މިފަހަރުގެ މުބާރާތުގެ ޔޫރަޕްގެ ފުޓްބޯޅައިގައި ގަދަ ބާރަކަށްވުމަށް މަސައްކަތްކުރަމުން އަންނަ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކުރިއިރު އެ ޓީމު ސެމީއަށް ދަތުރުކުރީ ކުއާޓާގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށްގެންނެވެ. ހަމައެހެންމެ ބަޔާން ސެމީއަށް ދަތުރުކުރީ ކުއާޓާގައި ސެވިއްޔާ ބަލިކުރުމަށް ފަހުއެވެ. ކްރޫސް ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ދެފަހަރު އޭނާ ރެއާލްއާ އެކު މި ތަށި އުފުލާލިއިރު ބަޔާންއާ އެކު ވެސް އޭނާ ވަނީ މި ތަށި އުފުލާލާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްރޫސް ބުނީ މި މުބާރާތުގެ ތަށި ނުގަނަވޭނެ ކަމަށާއި ތަށި ގަނަވޭ ނަމަ ރެއާލްއަށް 12 ފަހަރު މި މުބާރާތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އޭނާ ބުނީ މި މުބާރާތް ކާމިޔާބުކުރެވޭނީ ރެއާލް ފަދަ ހާއްސަ ޓީމަކަށް ކަމަށާއި ރެއާލްގައި ތިބީ މި މުބާރާތް ކާމިޔާބުކުރެވޭ ފެންވަރުގެ އެންމެ މޮޅު ކުޅުންތެރިން ކަމަށެވެ.
ކްރޫސް ބުނީ ޗެމްޕިއަންސް ލީގުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި ރެއާލްގައި ތިބީ ތަޖުރިބާގެ އަލީގައި އެފަދަ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ރެއާލްގައި ތިބި ކުޅުންތެރިންނަށް ކުރަން ޖެހޭ ކަންކަމާއި ނުކުރަންވީ ކަންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެއީ އެ ޓީމައި އެހެން ޓީމުތަކާ ހުރި އެންމެ ބޮޑު ތަފާތުކަމުގައި ދެކޭ ކަމަށެވެ. އަދި އެކަމަކީ މުބާރާތުގައި އިތުރު ހަރުފަތަކަށް އެ ޓީމަށް ދެވޭ މައިގަނޑު ސަބަބު ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކްރޫސް ބުނެފައިވެއެވެ.
ކްރޫސް ބުނީ މިއީ މި ސީޒަނުގައި ތައްޓެއް ކާމިޔާބުކުރުމަށް އެ ޓީމަށް އޮތް ހަމައެކަނި ފުރުސަތު ކަމަށާއި މީގެ ދެއަހަރު ކުރިން ވެސް ހާލަތު އޮތީ އެގޮތަށް ކަމަށެވެ. އޭނާ ބުނީ އެފަހަރު ވެސް މުބާރާތް ކާމިޔާބުކުރީ ކުޅުންތެރިންގެ ހިތްވަރުން ކަމަށާއި ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތް ކާމިޔާބުކުރަން ފުރުސަތު ލިބުމަކީ ލިބޭ އިތުރު ހިތްވަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ސެމީއާ ހަމަޔަށް ރެއާލް އައީ އެންމެ މޮޅު ޓީމުތައް ބަލިކުރުމަށް ފަހު ކަމަށާއި އެހެންކަމުން އެ ޓީމަށް ފައިނަލަށް ދެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
ކްރޫސް ވަނީ ބަޔާންއަކީ ވެސް ވަރުގަދަ ޓީމެއް ކަމަށް ބުނެފައެވެ. އެގޮތުން އޭނާ ބުނީ ބަޔާން އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އޭނާ ބުނީ ދެ ޓީމުގެ ސަޕޯޓަރުން ވެސް އުއްމީދުކުރާނީ ތަށި ހޯދަން ކަމަށާއި އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ހެއިންކޭސްއަކީ ތަފާތު ދައްކާނެ ކޯޗެއް ކަމަށެވެ.
މި ދެ ޓީމު ސެމީގައި ކުޅޭއިރު މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ރެއާލް ހޯދީ ކުއާޓާގައި ބަޔާން 6-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެންނެވެ.