އައްޑޫ ސިޓީގެ ހިތަދޫން މޫދަށް ގޮސް އުޅެނިކޮށް މި މަހުގެ 21 ވަނަ ދުވަހު ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް މިއަދުވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ސިފައިން ވެސް ވަނީ ޑައިވިންގ ރޮބޮޓް ބޭނުންކޮށްގެން ކަނޑުގެ އަޑި ބަލައި، ހެލިކަޕްޓަރުގެ އެހީގައި ވައިގެ މަގުން ވެސް ބަލާފައެވެ.
ހިތަދޫ، ޗަނބޭލީގޭ، އުމުރުން 17 އަހަރުގެ އަލީ ފަހުމީ އަދި އެރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެއްލިފައި ވަނީ އިތުރު ކުއްޖަކާ އެކު މޫދަށް އެރި އުޅެނިކޮށެވެ.
އެ ދެ ކުދިން ގެއްލުނުތާ މިއަދަށް މިއީ ހަތަރު ވަނަ ދުވަހުއެވެ. ފުލުހުންނާއި ސިފައިންގެ އިތުރުން އާންމު ރައްޔިތުން ވެސް ދަނީ ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.