ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި ކާމިޔާބީ ފާހަގަކުރުމުގެ ހާއްސަ ޖަލްސާ ބާއްވައިފިއެވެ.
އަންގާރަ ދުވަހުގެރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ޖަލްސާގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވަނީ، ނިމިގެންދިޔަ އަހަރު އެމްއެންޑީއެފުން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، އަދި ކުރިއަށްއޮތް އަހަރަށް ރޭވިފައިވާ ބައެއް ކަންކަމާ ބެހޭގޮތުން އަލިއަޅުއްވާލައްވައި، ވާހަކަފުޅުދައްކަވާފައެވެ.
މިޖަލްސާގައި މިއުޒިކް އެންޑް އާރޓްސްގެ ދާއިރާއާއި، އަސްކަރީ ތާރީޚާއި އާދަކާދަޔާއި، ސަޤާފަތް ކުރިއެރުވުމުގެ އިތުރުން ސިފައިންގެއަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށާއި، ސިފައިންނާއި ޢާންމު ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ވަނީ ކޮމަންޑޭޝަން ލެޓަރ ހަވާލުކޮށްފައެވެ. މި ފަރާތްތަކުގެ އިތުރުން ސިފައިންގެއަށް ރީތިނަން ހޯދައިދިން ސަބް ޔުނިޓްތަކަށާއި އަދި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ސަބް ޔުނިޓްތަކަށްވެސް ވަނީ ކޮމަންޑޭޝަން ލެޓަރ ހަވާލުކޮށްފައެވެ.
މި ޖަލްސާގައި ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އާންމު ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ވަނީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުން ދީފައެވެ.
ވޭތުވެދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައިންގެ ތެރެއިން އިންޑިވިޖުއަލް މެރިޓޯރިއަސް އެވޯޑް ހާޞިލްކުރި ފަރާތްތަކަށްވެސް މި ޖަލްސާގައި ވަނީ ލިޔުން ހަވާލުކޮށްފައެވެ. އެ ފަރާތްތަކަށް ކޮމަންޑޭޝަނަލް ލެޓަރ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރުގެ އިތުރުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔަ މަންޞޫރާއި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ.
މި ޖަލްސާގައި ކޮމަންޑޭޝަން ލެޓަރ ދީފައިވާ ދާއިރާތަކުގެ ތެރޭގައި އޮޕަރޭޝަންސް ޑިއުޓީސްގެ ދާއިރާ، ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ސިއްހީ ޚިދުމަތުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ، އިޖްތިމާޢީ ޚިދުމަތުގެ ދާއިރާ އަދި ރެސްކިއު އެންޑް ލައިފް ސޭވިންގގެ ދާއިރާގެ އިތުރުން އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގެ ދާއިރާއާއި އިދާރީ ހިންގުމުގެ ދާއިރާ ހިމެނެއެވެ.
މި ޖަލްސާގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ސިފައިންގެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ޢާންމު ފަރާތްތައް ވަނީ ބައިވެރިވެފައެވެ.