ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 22:01
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
މުހައްމަދު ޝަރުހާން
އުއްތަމަ ފަނޑިޔާރު
މިއީ އިންސާނިއްޔަތާ ހިލާފަށް ހިންގާ ބޮޑެތި ޖަރީމާތަކެއް، މި ގޮތައް ފަނޑިޔާރުން ހައްޔަރެއް ނުކުރެވޭނެ: އުއްތަމަ ފަނޑިޔާރު
އަވަސް އަވަހަށް ޝަރީއަތްތަކުގެ އަޑުއެހުންތައް ދާތީ ފާޑު ވިދާޅުވި
ވަކީލުންނާ މަޝްވަރާ ކުރަން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވި

ހައްޔަރުކޮށްގެން ހިންގަމުންދާ ޝަރީއަތްތަކާއި ތަހްގީގުތަކަކީ ގާނޫނާ ހިލާފަށް ހިންގާ ބޮޑެތި ޖަރީމާތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.  

އުއްތަމަ ފަނޑިޔާރާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނާ ދެކޮޅަށް ހިންގާ ޝަރީއަތްތަކާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުން ފަނޑިޔާރުން އެގޮތައް ހައްޔަރުކޮށްގެން ނުވެސް ގެންގުޅެވޭނެ ކަމަށެވެ. ތަހްގީގުތަކާއި ޝަރީއަތްތައް ހިންގަމުންދަނީ އާބިޓްރަރީ ގޮތެއް ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.

އަވަސް އަވަހަށް ތާވަލުކުރަމުންދާ ޝަރީއަތްތަކުގެ އަޑުއެހުންތައް އުއްތަމަ ފަނޑިޔާރު ސިފަ ކުރެއްވީ ކުދިންނަށް ވެކްސިން ދިނުން ގޮތުގައެވެ. ވިދާޅުވީ ޝަރީއަތް ބާއްވަމުން ދަނީ ކިޔުގައި މީހުން ބައިތިއްބައިގެން ވެކްސިން ދީފައި ފަހަރަކު ކުއްޖަކު އަވަހަށް ފޮނުވާލާ ގޮތައް ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކޮށް މައްސަލައިގައި ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ވެސް ދީފައިނުވާ ކަމަށާއި ވަކީލުންނާއި ޑިސްކަސްކޮށްލަން ފުރުސަތު ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަވަސް އަވަހަށް ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާ މެދު ހިތްހަމަ ޖެހިވަޑައިނުގެން އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގަޒީ އާދަމް އާރިފު ވިދާޅުވީ އަވަހަށް ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވަކީލުން ނެންގެވި ނުކުތާތަ ކާމެދު މީގެ ކުރިން ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާފައި އެބަ ހުރި ކަމަށާއި އެގޮތުން 2016 ވަނަ އަހަރު ވެސް އެފަދަ ނިންމުމެއް ނިންމަވައި ދަށު ކޯޓުން އަމަލު ކުރަން ޖެހޭ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.  

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުދީ، ފުލު ފުލުހުން އަޑުއެހުންތަކެއް ބޭއްވުމަށް ފަހު ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެ ހުކުމް ބާތިލް ކޮށްދޭން އެދުމުން 2016 ވަނަ އަހަރު އަބްދުﷲ ސައީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުން ނިންމީ ހުކުމް ރަނގަޅު ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީއަށް މުހާތަބު ކުރައްވައި އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ "ތިޔަ ބޭފުޅުނަށް އަޅުގަނޑުމެން ވަޅުވެސް ލެވިދާނެ" ކަމަށާއި އެހެން ނަމަވެސް "މިއަދު ހިންގޭ ޝަރީއަތްތަކެއް ފަސްއަޅާ ނުފޮރުވޭނެ" ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް މި ދައުވާކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ތެރެއަށް ފުލުހުން ވަދެ އެމަނިކުފާނުގެ ފޯނު ދިނުމަށް އެދުމުން ފޯނު ދީފައި ނުވާތީ ކަމަށް ބުނެ ކަމަށްވާއިރު އެމަނިކުފާނު ވިދާޅުވީ ފޯނުދޭން އެމަނިކުފާނު ގާތު ބުނިތޯ ސުވާލު އުފެއްދެވިއެވެ. އަދި އެކެއް ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ހައްޔަރުކުރަން ގޮސް ފޯނުދޭން ބުނިއިރު އެމަނިކުފާނަކީ ފޯނެއް ގެންގުޅޭ މީހެއްތޯ ސާފުކުރިތޯ އާއި ފޯނާއި އެ އަމުރާ އޮތީ ކޮން ގުޅުމެއްތޯ ވެސް ސުވާލު ކުރެއްވިއެވެ.  

މިއަޑުއެހުމުގައި ރައީސް މައުމޫނު ވެސް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހްމަތުތަކަކީ ސިޔާސީ ބޭނުމަކަށް ކޮށްގެން އުޅޭ ތުހްމަތުތަކެއް ކަމަށާއި އުފުލައިގެން އުޅޭ ދައުވާތަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. ނަމަވެސް ދައުވާ ބުނާ އެއްޗެއް ސާފުނުވާ ކަމަށް މައުމޫނު ވެސް އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް