މާފުށީގައި ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކޮންމެ ރެއަކު އަވަހަރާލައްޕަ ވަނީ އޮކްސިޖަން ގުޅައިގެން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ކޯޓުގައި ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދުގެ ބަލިހާލާ ގުޅޭ ގޮތުން ވަކީލުން ވާހަކަ ދެއްކެވީ މައްސަލައިގެ އަޑުއެހުންތައް އަވަހަށް ތާވަލުކުރަމުންދާތީއެވެ.
އަލީ ހަމީދުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ކްރިމިނަލް ކޯޓުގައި ވިދާޅުވީ އަލީ ހަމީދު ކޮންމެ ރެއަކު ވެސް އަވަހާރަފުޅު ލައްޕަވަނީ 9:00 ގައި އޮކްސިޖަން ގުޅައިގެން ކަމަށެވެ. ކަރެކްޝަނަލް ސާވީސްއަށް ވެސް އެކަން އެނގޭނެ ކަމަށް ވިދާޅުވުމުން މައްސަލަ ބައްލަވަން އިން ގާޒީ އާދަމް އާރިފު ވިދާޅުވީ ކޯޓަށް ވެސް އެކަން އެނގޭނެ ކަމަށެވެ. އަލީ ހަމީދު ކޮންމެރެއަކު އޮކްސިޖަން ގުޅައިގެން އަވަހާރަލައްޕަވާކަން އެ ވަގުތު އަޑުއެހުމުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ނުސީދާ ގޮތުގައި ވިދާޅުވިއެވެ.
މި ހަފްތާގައި ޖެހިޖެހިގެން ކޮންމެ ދުވަހަކު ޝަރީއަތުގެ އަޑުއެހުމަށް ކޯޓަށް ހާޒިކުރަން އަލީ ހަމީދު ކަނޑުމަގުން މާލެ ގެންނަވައިކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު ވެސް މާފުށީގައި ޑޮކްޓަރުން އެމަނިކުފާނަށް ފަރުވާ ދީފައިވާ ކަމަށެވެ. މަހްފޫޒު ވިދާޅުވީ އެދަތިތަކާ ކުރިމަތިވަނީ ކޮންމެ ދުވަހަކު ދަތުރުކުރަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ.
އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާއާ ގުޅޭ ގޮތުން ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ސުވާލު ކުރެއްވި ނަމަވެސް ޝަރީއަތް މާބޮޑަށް ދިގުލައިގެން ދާތީ އަލީ ހަމީދާ ސުވާލު ކުރުމުގެ ބައި ދެން އޮންނަ އަޑުއެހުމެއްގައި ބޭއްވުމަށް ނިންމައި އަޑުއެހުން ވަނީ ނިންމާލާފައެވެ. ނަމަވެސް މަހްފޫޒު ވަނީ ދެން އަޑުއެހުން ނިންމުމެއް ބުދަ ދުވަހަށް ތާވަލުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަލީ ހަމީދުގެ މާފުށީގައި ބަންދުކޮށް ބަހައްޓާފައި ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާތީއެވެ.