ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 20:09
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ، މުހުތާޒް މުހުސިން - އޭނާ ޖަލުގައި ހުންނަތާ 2 އަހަރުވަނީވެފައި
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ، މުހުތާޒް މުހުސިން - އޭނާ ޖަލުގައި ހުންނަތާ 2 އަހަރުވަނީވެފައި
މިހާރު
މުހުތާޒް މުހުސިން
މުހުތާޒް ބާއްވާފައި އޮންނަނީ ޑެތު ރޯގައި، ބޭނުމަކީ ވަކި ބައެއްގެ ހިތްހަމަޖެހުމަށް ނަފްސާނީ ގޮތުން ބަލިކަށިކޮށްލުން: އާއިލާ
ކަރެކްޝަނަލް ސަރވިސް އިން، ޢަމަލުކޮށްފައި ވާގޮތުގެ މުހުތާޒްގެ މައިބަދައިގެ ހާލަތު އިތުރަށް ސީރިއަސް
މުހުތާޒްގެ ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިހުމާލުވެފައިވޭ
ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އެބައޮތް

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުޙްސިން ޖަލުގައި ބާއްވާފައި އޮންނަނީ ޖަލުގެ އެންމެ ނުރައްކާތެރި ޤައިދީން ބާއްވާފައި އޮންނަ ޔުނިޓް "ޑެތު ރޯ" ގައި ކަމަށާއި، ހުކުމް ތަންފީޒްކުރަމުން ގެންދަނީ ވަރަށް އުނދަގޫ ނިކަމެތި ހާލެއްގައި ކަމަށް އާއިލާއިން ބުނެފިއެވެ. 

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ހުންނެވި މުހުތާޒް މުހުސިން ޖަލުގައި އޮންނަތާ 2 އަހަރުވުމާ ގުޅިގެން މުހުތާޒްގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުހުތާޒް ހައްޔަރުކުރި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން، ޢަމަލުކޮށްފައި ވާގޮތުގެ ނަތީއްޖާއެއްގެ ގޮތުން، މުހުތާޒްގެ މައިބަދައިގެ ހާލަތު އިތުރަށް ސީރިއަސްވެ، އެޑްމިޓްކޮށްގެން ބާރުގަދަ އިތުރު ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމަށް އޭޕްރީލް 10 ވަނަ ދުވަހު ޑޮކްޓަރު ލަފާދެއްވި ކަމަށެވެ. އަދި މުހުތާޒް މުހުސިންގެ ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިހުމާލުވެފައިވާ ކަމަށާއި، ނަތީއްޖާއެއްގެ ގޮތުން ބަލިހާލު އިތުރަށް ބޮޑުވެ ކައިރި މުސްތަގުބަލެއްގައި މުހުތާޒް މުހުސިންއަށް ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އާއިލާއަށް އިންތިހާއަށް އޮތް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. 

"މުހްތާޒް މުޙްސިންގެ ޞިއްހީ ހާލަތާ މެދު، ކަންބޮޑުވާކަން ބަޔާންކޮށް، މުހުތާޒް މުހުސިންއަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ދިނުމަށާއި، އަދި އެފަދަ ހާލަތެއްގައި ހުރި ބަލިމީހަކު ހުންނަންޖެހޭނެ ފަދަ މާހައުލެއްގައި މުހްތާޒް މުޙްސިން ބެހެއްޓުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެތައް ފަހަރަކު ދެންނެވިފައިވާނެއެވެ. ނަމަވެސް އެފަރާތުން މުހްތާޒް މުޙްސިންގެ ސިއްހީ އަދި އެހެނިހެން މައްސަލަތަކަށް އެއްވެސް ހައްލެއް ހޯދާދީފައި ނުވާކަމުގައި ދަންނަވަމެވެ."

އާއިލާއިން ބުނީ މުހްތާޒަކީ، ކުރީގެ ކްރިމިނަލް ކޯޓުގެ ޤާޟީއަކަށްވެފައި، އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ވުމުގެ ސަބަބުން، މުހުތާޒް މުހުސިނަށް، ކަރެކްޝަނަލް ސަރވިސްގެ ޤާވާއިދުތަކުން ލިބިދޭންޖެހޭ، "ސްޕެޝަލް ޕްރޮޓެކްޝަން" ނަމެއްގައި ހަމަޖައްސައިދިން ކަމަށެވެ. ނަމަވެސް، މުހުތާޒް މުޙްސިން ޖަލުގައި ބާއްވާފައި އޮންނަނީ ޖަލުގެ އެންމެ ނުރައްކާތެރި ޤައިދީން ބާއްވާފައި އޮންނަ ޔުނިޓް "ޑެތު ރޯ" ގައި، ކަރަންޓު އަދި ވެންޓިލޭޝަން ނެތި، އެކަހެރިކޮށްފައި ކަމަށް އާއިލާ އިން ބުނެވެ. 

އާއިލާ އިން ބުނީ ސްޕެޝަލް ޕްރޮޓެކްޝަން ކެޓަގަރީގެ މީހުންނަށް ލިބިދޭ ވަސީލަތްތަކާއި ފަސޭހަތަކާއި އިނާޔަތްތަކުން މަޙްރޫމްކޮށް، މުހުތާޒް މުހުސިން ގެންގުޅެމުން ގެންދަނީ، ނަފްސާނީ ގޮތުން ބަލިކޮށް ނުފޫޒު ގަދަ ވަކި ބަޔެއްގެ ހިތްހަމަޖެހުމަށް، ވީހާ ވެސް ދަތި އުނދަގޫ ނިކަމެތި ގޮތެއްގައި ހުކުމް ތަންފީޒުކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި މުހްތާޒަކީ ޖިނާއީ އަދުލުގެ ނިޒާމުގައި، ނުވަ އަހަރަށް ވުރެ ގިނަ ދުވަހު، ޖިނާޢި ބޮޑެތި މައްސަލަތަކެއްގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާއިރު، އެފަދަ މައްސަލަތަކުގައި ހިމެނޭ ބައެއްގެ ތެރޭގައި ބާއްވާފައި، އޮތުމުން އެމީހުންގެ ފަރާތުން ތަފާތު އެކި ގޮތްގޮތުން، ފުރައްސާރަ އާއި، ދިމާކުރުންތައް، ކުރިމަތިވަމުންދާކަން އެތައް ފަހަރެއްގެ މަތިން މޯލްޑިވްސް ކަރެކްޝަލް ސަރވިސްއަށާއި އަދި ކަމާއި ގުޅުންހުރި މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެވިފައި ވާނެކަމަށް އާއިލާއިން ބުުނެއެވެ. 

އާއިލާއިން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ގޮވާލާފައި ވަނީ މުހުތާޒް މުހުސިން ބަންދުގައި ބަހައްޓާފައި ހުންނަ މުއްދަތުގައި ބޭސް ފަރުވާގެ ކަންތައްތަކާ ގުޅޭ ގޮތުންނާއި، މުޙުތާޒު މުހުސިން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ ދިއުމުގައި އެހެނިހެން ޤައިދީންނެކޭ އެއްގޮތް ވާގޮތުގެ މަތިން އިންސާނީ ކަރާމާތަށް އުނިކަން ނައަންނަ ގޮތުގެ މަތިން ޢަމަލުކުރުމަށެވެ. 

އާޖެންޓްކޮށް ހެދުމަށް މިމަހުގެ 10 ވަނަ ދުވަހު ޑޮކްޓަރުން އިރުޝާދު ދެއްވި އެމްއާރުއައިއެއް ވެސް މާލެ ގެނެސްފައި ވަނީ އަންގާރަ ދުވަހުއެވެ. މުހްތާޒްގެ އަނބިކަނބަލުން ރާއްޖެ އެމްވީއަށް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު ޑޮކްޓަރުން މުހްތާޒަށް ލަފާދެއްވާފައި ވަނީ އާރޖެންޓްކޮށް އެމްއާރުއައިއެއް ހެދުމަށް ކަމަށާއި އަންގާރަ ދުވަހު ހެނދުނު 10 ޖެހިއިރު މުހްތާޒް އޭޑީކޭއަށް ގެނައީ އެ އެމްއާރުއައި ހެދުމަށް ކަމަށެވެ.

އާއިލާ އިން ބުނީ ފިޒިއޮތެރަޕީ ހެދުމަށް އައިޖީއެމްއެޗަށް ގެނައީ ރެގިއުލާކޮށް 10 ދުވަހު ފިޒިއޮތެރަޕީ ހެދުމަށް މިއަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ޑޮކްޓަރުން ދެއްވި އިރުޝާދުގެ ދަށުން ކަމަށެވެ. ގާތްގަނޑަކަށް އެއިރުޝާދު ދިންތާ 2 މަސްވާން ކައިރިވެފައި ވަނިކޮށް އަންގާރަ ދުވަހު އައިޖީއެމްއެޗަށް ގެނެސް ހަދާފައި ވަނީ 9 ވަނަ ސެޝަން ކަމަށް މުހްތާޒްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް