ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން ގޭ ބަންދަށް ބަދަލު ކޮށްފިއެެވެ.
މިދިއަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައިވާ އެސްއޯ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ. ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކަމާ ގުޅުން ހުރި އެއްވެސް ފަރާތަކާ އެކު ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެޑްރެސް ބަދަލުވާ ނަމަ ކޯޓަށް އެންގުމަށެވެ.
ޖަލު ބަންދުގައި ތިބި އަށް ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، އެމީހުންގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ހިލާފު ވެއްޖެ ނަމަ އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް އަންގާފައި ވެއެވެ.
އެސްއޯ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ. އެ 30 ދުވަސް ހަމަވާއިރު ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭ ނަމަ ކޯޓަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް ވެސް ކޯޓުން ވަނީ އަންގާފައެވެ.
އެސްއޯ ފުލުހުން ކ. މާފުށީ ޖަލުގައި ބަންދުގައި ތިބިއިރު، އެމީހުންގެ ނުރުހުމުގައި އެމީހުންގެ ބޯ ބޭލިކަމަށް ބުނާ މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފައި ވަނީ އެސްއޯ ފުލުހުންގެ ބޯ ކޮށީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.
ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިން އާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.
އެފުލުހުން މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމިކަން އަންގައި އެ ފުލުހުންނަށް ފޮނުވާފައިވާ ލިއުމުގެ ވާގޮތުން އެ ފުލުހުންގެ މައްޗަށް ތުހުމަތު ކުރަނީ އެ ފުލުހުން އިތުރު ބަޔަކާއި ބައިވެރިވެގެން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ޤާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލަން އުޅުނު ކަމަށެވެ.
މިމައްސަލާގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ވެސް މަޤާމުން ވަކިކޮށް ފަހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.