ރައްޔިތުންގެ މަޖިލިސް ހުއްޓި، އެ މަޖިލިސް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ބުނެފައި ވަނީ އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައެވެ. މަޖިލިސް އުވާލުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށް ފާހަގަކޮށްފައި ވަނީ ތިން ފަނޑިޔާރުން ފާހަގަ ކުރި ނުކުތާއެއްގައެވެ.
މަޖިލީހުން ކުރަންޖެހޭ ގާނޫނީ މަސައްކަތް ހުއްޓި، އެކަން ހައްލު ކުރަން ކުރާ މަސައްކަތް ނާކާމިޔާބުވެއްޖެނަމަ، މަޖިލިސް އުވާލައި އާ އިންތިހާބެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ. ފަނޑިޔާރުން އެގޮތަށް ފާހަގަކޮށްފައި ވަނީ ގާނޫނުއަސާސީ އާއި އެހެން ގައުމުތަކުން މިސާލު ޖައްސަވަމުންނެވެ.
ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނު މަޖިލީހުން ފާސްކުރީ، އެ ގާނޫނު ފާސްކުރަންޖެހޭ މިންވަރަކަށް މެމްބަރުން މަޖިލީހުގައި ނެތީސް ކަމަށެވެ. ނަމަވެސް އެ ގާނޫނަކީ "ޑޮކްޓަރިން އޮފް ނެސަސިޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން، ފާސްކުރެވޭނެ ގާނޫނެއް ކަމަށެވެ.
ފަނޑިޔާރުން ފާހަގަ ކުރެއްވި ގޮތުގައި ހާލަތުލް ޟަރޫރާއަކީ އިޔާދަ ނުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، އަމަލު ކުރެވިދާނެ ގޮތެއް ކަމަށެވެ. އެ ހާލަތުގެ ދަށުން އަމަލު ކުރުމަކީ ޤުރުއާނާއި އިސްލާމީ ޝަރިއްޔާ އާއި ކީރިތި ރަސޫލާގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖުމާއަތުން ސާބިތުވާ ކަމެއް ކަމަށް ފަނޑިޔާރުން ކުރެއްވި ހުކުމްގައިވެއެވެ.