ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 17:06
އެގޮތައް ނިންމީ ސުޕްރީމް ކޮޓުން
އެގޮތައް ނިންމީ ސުޕްރީމް ކޮޓުން
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
އެންޓި ޑިފެކްޝަން ޤާނޫނު ބާތިލް ކުރަން ނުފެންނަ ކަމަށް ނިންމައިފި
މިއީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ކަނޑައަޅާ ޤާނޫން
ބާތިލް ކުރަން ނުފެންނަ ކަމަށް ނިންމީ ސުޕްރީމް ކޯޓުން
މިއީ ގުޅިފައިވާ ޕާޓީކުން ހުށަހެޅި މައްސަލައެއް

ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ނުކުރެވޭނެ ކަމަށާއި އެ ބިލު ފާސްކުރީ ހާލަތުލް ޟަރޫރާގެ ދަށުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ އެ ބިލު ބާތިލު ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައެވެ. އެ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނު ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑުލައިނާ އެއްގޮތަށް ކަމަށެވެ. އެ ގައިޑުލައިން ކަނޑައަޅާފައި ވަނީ ފްލޯ ކްރޮސިންގެ މައްސަލައަށް ހައްލު ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކީ މާޒީއަށް ރުޖޫއަވާ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައި ވާތީ، އެ ހުކުމްގައި ބުނެފައި ވަނީ މާޒީއަށް ރުޖޫއަވާ ގޮތަށް އެ ގާނޫނު ހަދާފައިވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މިދިޔަ އަަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސިންގެ މައްސަލައަށް ހައްލު ހޯދުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަސް ކަމަށާއި އެ ދުވަހުން ފެށިގެން މެމްބަރުން ޕާޓީ ބަދަލު ކުރުމާއި ޕާޓީން ވަކިކުރުމަކީ ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށެވެ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހު ފާސްކުރި ގާނޫނެއްގައި އެ ތާރީހު ހިމަނާފައިވުމަކީ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވެއެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނަކީ ރައްޔިތުން ސީދާ އަމަލު ކުރަން ލާޒިމު ގާނޫނެއް ކަމަށް ކަނޑައަޅައި އެ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުލްމަ އަގުލަބިއްޔަތުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ، ޖަލްސާއެއްގައި ކަމަށެވެ. ނަމަވެސް މަޖިލީހުން އެ ބިލު ފާސްކުރީ 39 މެމްބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާއެއްގައި ކަމަށާއި އެ އަދަދަކީ އެ ގާނޫނު ފާސްކުރެވޭނެ ގާނޫނީ އަދަދެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއާ ހަވާލާދީ ހުކުމްގައި ބުނެފައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ޖެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށެވެ.

ނަމަވެސް އެ ބިލު މަޖިލީހުން ފާސްކުރީ "ޑޮކްޓަރިން އޮފް ނެސަސިޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން، ކަމަށް ދައުލަތުން ޝަރީއަތުގައި ފާހަގަކޮށްފައި ވާތީ، ފަނޑިޔާރުން ވަނީ އެއީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށް ކަނޑައަޅާފައެވެ. ފަނޑިޔާރުން ފާހަގަ ކުރެއްވި ގޮތުގައި ހާލަތުލް ޟަރޫރާއަކީ އިޔާދަ ނުކުރެވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އަމަލު ކުރެވިދާނެ ގޮތެއް ކަމަށެވެ. އެ ހާލަތުގެ ދަށުން އަމަލު ކުރުމަކީ ގުރުއާނާއި އިސްލާމީ ޝަރިއްޔާ އާއި ކީރިތި ރަސޫލާގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖުމާއަތުން ސާބިތުވާ ކަމެއް ކަމަށް ފަނޑިޔާރުން ކުރެއްވި ހުކުމްގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 އޭޕްރިލް 2018 | އަންގާރަ 11:32
ހާލިދު ބުން ވަލީދު
އެހެންވީމާ 43 މެންބަރު ނެތަސް ވަރިހަމަތާ ދެންޟަރޫރީ ހާލަތުން ހުރިހާކަމެއް ކުރަންވީދޯ