އާޖެންޓްކޮށް ހެދުމަށް މިމަހުގެ 10 ވަނަ ދުވަހު ޑޮކްޓަރުން އިރުޝާދު ދެއްވި އެމްއާރުއައިއެއް ހަދަން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އަންގާރަ ދުވަހު މާލެ ގެނެސްފިއެވެ.
މުހްތާޒްގެ އަނބިކަނބަލުން ރާއްޖެ އެމްވީއަށް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު ޑޮކްޓަރުން މުހްތާޒަށް ލަފާދެއްވާފައި ވަނީ އާރޖެންޓްކޮށް އެމްއާރުއައިއެއް ހެދުމަށް ކަމަށާއި އަންގާރަ ދުވަހު ހެނދުނު 10 ޖެހިއިރު މުހްތާޒް އޭޑީކޭއަށް ގެނައީ އެ އެމްއާރުއައި ހެދުމަށް ކަމަށެވެ.
މުހްތާޒް އޭޑީކޭއަށް ގެނެސް އެމްއާރުއައި ހަދާފައިވާއިރު އަންގާރަ ދުވަހު ހެނދުނު 11 ޖެހިއިރު ވަނީ އައިޖީއެމްހޮސްޕިޓަލަށް ގެނެސް ފިޒިއޮތެރަޕީ ވެސް ހަދާފައެވެ.
މުހްތާޒްގެ އަނބިކަނބަލުން ވިދާޅުވީ ފިޒިއޮތެރަޕީ ހެދުމަށް އައިޖީއެމްއެޗަށް ގެނައީ ރެގިއުލާކޮށް 10 ދުވަހު ފިޒިއޮތެރަޕީ ހެދުމަށް މިއަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ޑޮކްޓަރުން ދެއްވި އިރުޗާޑުގެ ދަށުން ކަމަށެވެ. ގާތްގަނޑަކަށް އެއިރުޝާދު ދިންތާ 2 މަސްވާން ކައިރިވެފައި ވަނިކޮށް އަންގާރަ ދުވަހު އައިޖީއެމްއެޗަށް ގެނެސް ހަދާފައި ވަނީ 9 ވަނަ ސެޝަން ކަމަށް މުހްތާޒްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މީގެ އިތުރުން ދޯނީގައި ދިގު ދަތުރު ނުކުރުމަށް ޑޮކްޓަރުން މުހްތާޒަށް އިރުޝާދު ދެއްވާފައިވާއިރު ފިޒިއޮތެރަޕީއަށް ދޯނީގައި ދިގު ދަތުރެއްގައި މާލެ ގެނައުމުގެ އިތުރުން އެތައް ގަޑިއިރެއް ވަންދެން ގޮނޑީގައި ބައިންދާފައި އިންނަ އިނނުމާ މެދު ވެސް މުހްތާޒްގެ އަނބިކަނބަލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މުހްތާޒްގެ އަނބިކަނބަލުން ވިދާޅުވީ އަންގާރަ ދުވަހު ވެސް މުހްތާޒް މާލެ ގެނެސްފައި ވަނީ ޖަލު ދޯނީގައި ކަމަށެވެ.
ކުރީގެ ޕީޖީ މުހްތާޒަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގައެވެ. މުހްތާޒަކީ ޖަލުގައި ސްޕެޝަލް ޕްރޮޓެކްޝަން ލިބެންޖެހޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބޭފުޅެކެވެ. މިއަދަކީ މުހްތާޒް ޖަލަށް ހުކުމް ކުރިތާ 2 އަހަރު ފުރުނު ދުވަހެވެ.