ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 19:57
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިލާ ހައުސް ސަރަހައްދުގައި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިލާ ހައުސް ސަރަހައްދުގައި
ރާއްޖެ އެމްވީ
ވިލާގެ އެކައުންޓްތައް
މީރާ އިން ފްރީޒްކުރި ވިލާގެ އެކައުންޓްތައް ދޫކޮށްލައިފި
މިފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން މީރާއިން ވިލާގެ އެކައުންޓްތައް ރިލީޒްކޮށްފައިވޭ

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި އޮތް ފަސް ރަށެއް ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން މީރާ އިން ފްރީޒްކުރި އެކައުންޓްތައް ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒް ކުރި ހުރިހާ އެކައުންޓެއް ވަނީ ދޫކޮށްލާފައެވެ. މިކަމާ ގުޅޭ ގޮތުން ވިލާ ކުންފުނިން ވެސް އަދި މީރާ އިން ވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. 

ވިލާ އަށް ދޫކޮށްފައިވާ ފަސް ރަށަކުން ދައުލަތަށް ލިބެންވާ ކުއްޔާއި ކުލި ނުދައްކައި އޮތުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ބުނެ 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ދެއްކުމަށް 2015 ވަނަ އަހަރުގެ ތެރޭގައި މީރާ އިން އެކުންފުންޏަށް އަންގާފައިވެއެވެ. ވިލާއަށް ދޫކޮށްފައި ހުރި ރަށްތަކެއް އަތުލައި ބައެއް ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ކާޑެއްދޫ އެއާޕޯޓް އަތުލާފައިވެއެވެ.

އެފަހަރު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދެވެން އޮތީ ވިލާގެ އެކައުންޓްތައް ދޫކޮށްލުމުން ކަމަށް ވާތީ މީރާ އިން އެދުނު ގޮތަށް ފައިސާ ދައްކަން އޭރު އެއްބަސްވީ ކަމަށް ވެސް ވިލާ ގުރޫޕުން ބުނެފައިވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ މަރޗު މަހު ވެސް ވިލާ ޝިޕިންގެ އެކައުންޓްތައް މީރާ އިން ފްރީޒްކުރިއެވެ. ވިލާއިން މިމައްސަލަ މީރާއަށް ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.

ވިލާ ޝިޕިންގް އެކައުންޓްތައް ފްރީޒްކޮށް އާންމުކޮށްފައިވާ ސިޓީގައި ބުނެފައި ވަނީ ތ. އެލާގެ ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ 3.8 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރާއި އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ ދެ ލައްކަ ޑޮލަރު ދޭންޖެހޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިހުރިހާ އަދަދެއް އެއްކޮށް ޖުމްލަ 18.6 މިލިއަން ޑލޮލަރު ދައްކަން ޖެހޭ ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.

މިމަހުގެ 18 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ނިންމި ނިންމުމުގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދުކޮށްފައި އޮތް ފަސް ރަށެއް މި ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ބުނެ މީގެ ކުރިން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްފައެވެ.

ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ފަސް ރަށުގެ ތެރޭގައި ހިމެނެނީ، ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފިނޮޅުގެ އެއްބަސްވުންތައް 2015 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރުމުން ވިލާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ވިލާއާ އެއްކޮޅަށް ނިންމި އިރު ހައުކޯޓުން ފަހުން ވަނީ ދައުލަތުން އެ ހުކުމް އިސްތިއުނާފުކުރުމުގެ ސަބަބުން އެރަށްތައް ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ކަނޑައަޅާފައެވެ.

ސަރުކާރުން ހުއްޖަތެއްގެ ގޮތުގައި ކޯޓުގައި އޭރު ބުނެފައި ވަނީ ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ޝަރުތު ކޮށްފައިވާނެ ކަމަށާއި ވިލާއާ ގުޅުން އޮތް ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރި ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވުން ކަމަށެވެ.

ނަމަވެސް ވިލާއިން ބުނެފައި ވަނީ ޑަބްލިއުއެލްޓީއަކީ ސެޓްލްމަންޓް އެގްރިމެންޓްގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންވެ ޑަބްލިއުއެލްޓީން ދައުވާ ކުރި ކުރުމަކީ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑަބްލިއުއެލްޓީން ދައުވާކުރާ މައްސަލައަކީ ސެޓްލްމަންޓް އެގްރިމެންޓް ހެދިއިރު ވެސް ހިނގަމުން ދިޔަ މައްސަލައެއް ކަން ވެސް ވިލާއިން ކޯޓުގައި ބުނެފައިވެއެވެ.

ވިލާގެ ކުންފުނިތަކަށް ދޫކޮށްފައިވާ މި ފަސް ރަށުގެ ސެޓްލްމަންޓް އެގްރިމެންޓް ބާތިލްކޮށް، އެ އެގްރިމެންޓްގެ ދަށުން ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ހެދި އެމެންޑެޑް އެންޑް ރީ އިންސްޓޭޓެޑް ލީސް އެގްރިމެންޓް ވެސް ސަރުކާރުން ބާތިލްކޮށްފައިވެއެވެ.

ވިލާ އިން ދައްކަން އެންގި 1.5 މިލިއަން ރުފިޔާ  ސުޕްރީމް ކޯޓުގެ ހުކުމާ އެކު ދައްކަން ނުޖެހޭނެ ކަމަށް ވިލާ އިން ވަނީ ބުނެފައެވެ. އެކައުންޓްތައް ދޫކޮށްލާފައި މި ވަނީ ވެސް އެ ހުކުމަށް ފަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 އޭޕްރިލް 2018 | އަންގާރަ 11:51
ކޮލެޖް ބޯއީ
އާޒިމާ ދެން ބުނާނީ ކީކޭ.