މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ޖަލަށް ލާފައިވާ ގޯލް ކީޕަރ އިބްރާހިމް ލަބާން ޝަރީފު ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ޒުވާން ގޯލް ކީޕަރު ލަބާން ނާއިންސާފުން ޖަލަށްލާފައި ހުންނަތާ 3 އަހަރު ފުރުނީ ކަމަށާއި އޭނާ މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
Young Maldivian goalkeeper Labaan remains unjustly detained for taking part in the 2015 May Day protests against the Government. This year will mark 3 years. He must be released now. pic.twitter.com/o3g03AMu7S
— Mohamed Nasheed (@MohamedNasheed) April 24, 2018
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި އެ މުޒާހަރާއެއްގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުކޮށް އީގަލްސްގެ ކުރީގެ ކީޕަރު ލަބާންގެ އިތުރު ފަސް މީހަކު ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޖުލައި 25، 2016 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ލަބާންގެ އިތުރުން ޖަލަށް ލާފައި ވަނީ ނާސިރާ އަލީ، އަހުމަދު އިބްރާހިމް، ފަރުހަތު އަލީ، އަބްދުﷲ ރަޝީދު މުހައްމަދު އަދި އުމަރު ޒާހިރުގެ މައްޗަށެވެ. އަބްދުﷲ ރަޝީދު ވަނީ ނިޔާވެފަ އެވެ.
މި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ މޫސާ ޝަރުމީލް އާއި އަލީ ރަޝީދުގެ މައްޗަށެވެ.