ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ އެ ސުކޫލުގެ ޓީޗަރުން މަސައްކަތް ހުއްޓާލާ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޗަރުން މަސައްކަތް ހުއްޓާލާ އިހުތިޖާޖު ކުރަނީ ޓީޗަރުންނަށް ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެއެވެ.
އެނގިފައިވާ ގޮތުގައި މަޖީދިއްޔާ ސްކޫލުގެ ޓީޗަރުން އަންގާރަދުވަހު ސްކޫލަށް ދިޔުމަށް ފަހު ކިޔަވާ ދިނުމަށް ކުލާސްތަކަށް ދިޔުމުގެ ބަދަލުގައި ތިބީ ސްޓާފް ރޫމްގެ ތެރޭގަ އެވެ. ޓީޗަރުން އިހުތިޖާޖު ކުރަން ނިންމީ ސްކޫލުގައި ހިނގި ދަރިވަރަކު ޓީޗަރަކާ މާރަމާރީ ހިންގި މައްސަލާގައި އެ ޓީޗަރު ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.
ސުކޫލުގެ ޕްރިންސިޕަލު ވަޑައިގެން ސްޓާފު ރޫމުގައި ޓީޗަރުންނާ ބައްދަލު ކުރައްވަމުން ގެންްދަވާ އިރު ޓީޗަރުން ތިބީ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ބުނެ މަސައްކަތަށް ނުނިކުތުމަށް ނިންމައިގެންނެވެ.
މަޖީދިއްޔާ ސުކޫލުގައި ގިނަ ދުވަސްވީ އިންޑިއާގެ ހިސާބު ޓީޗަރަކު އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ ހޯމަ ދުވަހު ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މައްސަލަ ބަލަމުންދާތީ ވަކި ގޮތެއް އަންގަންދެން ގޭގައި މަޑު ކުރަން އެ ޓީޗަރަށް ވަނީ އަންގާފައެވެ.
އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ ކުރިން ވެސް ޑިސިޕްލިނަރީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ދަރިވަރެކެވެ. އަދި ކުރިން މާރާމާރީ ހިންގިކަމުގެ ރެކޯޑް އޮތް ކުއްޖެއްކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ކަރުގައި ޓީޗަރު ހިފި ކަމަށް ތުހުމަތު ކުރަނީ އާދިއްތަ ދުވަހުގެ ހެނދުނު ހިނގާ ދިޔަ ކަންތައްތަކެއްގައެވެ.
ރާއްޖޭގައި 12 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރަކީ މަޖީދިއްޔާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވާ ޓީޗަރަކެވެ. އަދި މީގެ ކުރިން އެފަދަ ޝަކުވާ އެ ޓީޗަރާ ބެހޭ ގޮތުން އުފުލާފައެއް ވެސް ނުވެއެވެ.