މި ސަރުކާރު ފެށުނު ފަހުން ބައިނަލްއަޤްވާމީ 45 މެޑަލެއް ސްކޫލު ދަރިވަރުން ހޯދާފައިވާ ކަމަށާއި ކުޅިވަރު ކުޅުމަށް ދަރިވަރުންދޭ އަހައްމިއްޔަތު އިތުރުވެގެން ގޮސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި މައިލޯ ކަލާސް އެވޯޑު ހަފުލާގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ޢަދަދެއްގެ ރަން، ރިހި އަދި ލޯ މެޑަލް ޤައުމަށް ގެނެސްފައިވަނީ ވޭތުވެ ދިޔަ 4 އަހަރު އެވެ.
"2007 އިން 2013 އާ ހަމައަށް ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ހޯދިފައިވަނީ 11 މެޑަލް. އާދެ 11 އިން 45 އާ ހަމައަށް މި ކުރެވުނު ދަތުރަކީ ގިނަބައެއްގެ ވިސްނުމާއި ބުރަ އަދި މިންނެތް މަސައްކަތުގެ ނަތީޖާ ދަރިވަރުންގެ ހިތްވަރު މިފަދަ ފުރުޞަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް ފަހިކޮށްދެއްވާފައިވާތީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާސްތެރިކަމާއެކު މަރުހަބާ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ސްކޫލްތަކުގެ ތެރެއިން ކުޅުންތެރިން އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ މައިލޯ ކަލަރސް އެވާރޑްސް ކަމަށާއި މި އެވާރޑް ދޭން ފެށުމާއެކު، ދަރިވަރުންގެ މެދުގައި ކުޅިވަރަށް އޮތް ޝައުޤުވެރިކަން ވަނީ އިތުރުވެގެން ގޮސްފައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ހަމަ އެއާއެކު ސްކޫލްތަކުގެ ޓީޗަރުންނާއި ވެރިން ކުޅިވަރަށް ދޭ އަޙައްމިއްޔަތުވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ކަމަށާއި އޭގެ ނަތީޖާ އަކީ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ސްކޫލްތަކާއި، ކޮންމެ ސްކޫލަކުން ބައިވެރިވާ ދަރިވަރުންގެ ޢަދަދު އިތުރުވެގެން ދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލެއްގެ ގޮތުން އެއް ކުޅިވަރުގެ ތަފާސް ހިސާބަށް ބަލާލާނަމަ، 2014 ވަނަ އަހަރު އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ 15 ޓީމް ހިމެނޭގޮތަށް 180 ދަރިވަރުން. 2017 ވަނަ އަހަރު އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ 35 ޓީމް ހިމެނޭގޮތަށް 420 ދަރިވަރުން. ވޮލީ އެކަންޏެއް ނޫން އިނގޭތޯ. ކޮންމެ ކުޅިވަރަކަށް ބަލާލައިފި ނަމަވެސް މި އިތުރުވުން ފެނިގެންދާކަން އުފަލާއެކު ފާހަގަ ކުރަން. މިއީ ކަލަރސް އެވޯޑްސް ތަޢާރަފްކުރެވުމާ ގުޅިގެން އައި ކުރިއެރުމެއްކަންވެސް އަޅުގަނޑުމެން އެންމެނަށް ޤަބޫލުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ކަލަރސް އެވާރޑްގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް ދެވޭ ސްޕޯޓްސް ސްކޮލަޝިޕް އަކީ ވެސް ސްކޫލްތަކުގެ ތެރެއިން ކުޅިވަރު ކުޅުންތެރި އުފެއްދުމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށާއި މިސްކޮލަރޝިޕްގެ ސަބަބުން ފެންވަރު ރަނގަޅު ކޯޗުންގެ އެހީތެރިކަމާއެކު ޒަމާނީ ވަސީލަތްތަކުގައި ތަމްރީނު ވުމުގެ ފުރުޞަތު ވަނީ ހޯދާދެވިފައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. .
"ބައެއް ދަރިވަރުންނަށް އެކުދިންގެ ރަށުން ތަމްރީނު ހެދުމުގެ ފުރުޞަތުތައް ލިބިގެންދާއިރު، އަނެއް ބައި ދަރިވަރުންނަށް މާލޭގައި އަދި ޤައުމުން ބޭރުގައި ތަމްރީނުވުމުގެ ފުރުޞަތުތައްވެސް ވަނީ ހޯދާދެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ކުޅިވަރު ހުނަރު ތަރައްޤީ ކުރުމުގެ ފުރުޞަތެއް ޤައުމުން ބޭރުން ލިބިފައިވާނަމަ، އެ ފަދަ ކުޅުންތެރިންނަށް މަތީ ތަޢުލީމަށް އުނގެނުމުގެ ފުރުޞަތުތައް ހޯދައި ދިނުމަށްޓަކައި މަތީ ތަޢުލީމުގެ ލޯނު އެހީވެސް ދެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިއަހަރު ކަލާރސް އެވޯޑް 181 ދަރިވަރުން ހާސިލްކޮށްފައިވެ އެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ މި އެވާރޑް ދެވޭ 5 ވަނަ އަހަރެވެ.