އާދީއްތަ ދުވަހުގެރޭ ދަންވަރު މާލޭގައި ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އާދީއްތަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހަކަށް ހަމާދީފައިވަނީ މާލޭ އިރުމަތީ ފަރާތު އާޓިފިޝަލް ބީޗާއި އަލިމަސް ކާނިވާ ސަރަޙައްދާއި ދެމެދު މިހާރު އަޅަމުންދާ ސަލްމާނު ރަސްގެފާނު މިސްކިތުގެ ކޮންސްޓްރަކްޝަން ސައިޓު ކައިރިން ކަމަށެވެ.
އޭނާގެ ބުރަކަށްޓާއި ކަނދުރާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ކުރިން އޭނާގެ ގައިގައި ތަޅައި، މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޒަޚަމްވި ފުލުސްމީހާއަށް އާދީއްތަ ދުވަހުގެރޭ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހެއް ގައިގައި ތަޅައި، މާރާމާރީހިންގައި، އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، މި ހަމަލާގައި ބައިވެރިވީ ކިތައް މީހުންކަމެއް ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މީގެ ކުރިން ފުލުހުންނަށް ދިން މިފަދަ އެކި ހަމަލާތަކުގައި ޖިނާއީ ދައުވާކޮށް އެކި ފަރާތްތައް ޖަލަށް ވެސް ލާފައިވާއިރު، އެކި ހާލަތްތަކުގައި ފުލުހުންގެ ފަރާތުން އާންމު ރައްޔިތުންނަށް ލިބިފައިވާ ބޮޑެތި އަނިޔާތަކަށް އިންސާފު ނުލިބި އެފަދަ މައްސަލަތައް ވަނީ ފުލުހުންގެ އިދާރާ އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގައި ފުނިޖެހިފައެވެ.