އުދަ އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފިއެވެ.
ދިޔަވަރު ބޮޑު ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކަށް ހޮނިހިރު ދުވަހުން ފެށިގެން ދަނީ އުދަ އަރަމުންނެވެ. އާދިއްތަ ދުވަހުވެސް އުދައިގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ،
ޑިޒާސްޓާއިން އާދިއްތަ ދުވަހު ތައްޔާރުކޮށްފައިވާ ހާލަތު ބަޔާން ކުރާ ރިޕޯޓް ބުނާގޮތުން މިހާތަނަށް ގިނަ ރަށްތަކަކަށް އުދައެރި ނަމަވެސް ގެއްލުމެއް ލިބިފައި ވަނީ މަދު ރަށަކަށެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ސ. މަރަދު އަށް އުދައެރުމުގެ ސަބަބުން ދެ ގެއެއްގެ ފާރު ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް މީހަކަށް ވެސް އަދި ދިރިއުޅުމަށް ކުރާ މަސައްކަތައްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޑިޒާސްޓާއިން ބުނެއެވެ.
ފުވައްމުލަކަށް ވަރަށް ބޮޑަށް އުދައެރި ނަމަވެސް އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ރަށަށް ލިބުނު ގެއްލުންތަކުގެ ތަފްޞީލު އަދި ލިބިފައިނުވާ ކަމަށެވެ.
ހއ. އަތޮޅު ރަށަކަށް އުދައިގެ އަސަރު ކޮށްފައި ނުވާއިރު ހދ. މަކުނުދު އާއި ކުމުންދު އަށް ވަނީ އުދަ އަރާފައެވެ. ކުމުންދޫގެ ނެރު ބައްތި ކަނޑައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އދ. ފެންފުށީގެ 500 މީޓަރު އެއްގަމަށް އުދަ އަރާފައިވާއިރު އެއް ގެއިން މީހުން ބަދަލުކުރަން ޖެހުނު ކަމަށް ޑިޒާސްޓާއިން ބުނެއެވެ. އެ އަތޮޅު ދިއްދޫ 200 ފޫޓަށް އުދަ އަރާފައިވާއިރު އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ތ. އަތޮޅުގެ ގިނަ ރަށްތަކަކަށް އުދަ އަރާފައިވާއިރު ގެއްލުމެއް ލިބިފައިވަނީ ގުރައިދުއަށް އެކަންޏެވެ. އެ ރަށުގެ މަސް ކައްކާ ސަރަހައްދުން 600 ފޫޓަށް އުދަ އަރާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ލ. ކުނަހަންދުއަށް އުދަ އަރާފައިވާއިރު އެރަށުގެ ދަނޑުބިންތަކަށް ވަނީ ގެއްލުންވެފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު އުދަ އަރަމުން ދަނީ އައްޑު އަތޮޅުގެ އިރު ދެކުނުން 1000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މޫސުމާބެހޭ އިދާރާއިން އާދިއްތަ ދުވަހު ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ، އާދިއްތަ ދުވަހު އުތުރުގެ އަތޮޅުތަކަށް ދިޔަ ބޮޑުވާނީ 16:58 އަދި ދަންވަރު 03:42 އެހާއިރު ކަމަށެވެ. މެދު ރާއްޖެއަށް 17:39 އަދި ފަތިހު 4:50 އެހާއިރު ދިޔަ ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ 18:42 އަދި ހޯމަ ދުވަހު ހެނދުނު 6:10 އެހާއިރެވެ.