މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑޮކްޓަރ ޙާތިމް ބިން ޙަސަން އަލްމަރްޒޫޤީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިބައްދަލުކޮށްލެއްވުމުގައި ދީނީގޮތުން ހައްދުފަހަނައަޅާދިއުމުގެ ސިޔާސަތުތައް ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ތައުލީމީދާއިރާގެ ތެރެއިންވެސް ހައްދުފަހަނައަޅައި ދިއުމަށް ބާރުއަޅާ ސިޔާސަތުތަށް ނައްތާލުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވެވިއެވެ.
މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރގެ ވާހަކަފުޅުގައި ހައްދުފަހަނައަޅާދިއުން ހިމެނޭ ހިޔާލުތައް ނައްތާލުމަށް އެޔުނިވަރސިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައިވެސް އެފުރުސަތު ހަނިކުރެއްވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ހަމައެކަނި ޝަރީޢާ ކިޔަވައިދިނުމުގެ ބަދަލުގައި އިންޖިނިއަރިންގ ފަދަ ފަންނީ ދާއިރާތަކުން ތައުލީމާއި ތަރުބިއްޔަތުވެސް މަންހަޖުގެ ތެރޭގައި ހިމެނުމާއިމެދު ވާހަކަފުޅުދެއްކެވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިބައްދަލުކުރެއްވުމުގައި މިސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާމެދު ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިގްތިޞާދު ކުރިއަރަމުންދާ މިންވަރު ފާހަގަކުރައްވައި އެކަމަށްޓަކައި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީންގެ އަރިހުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ޝައީދު އާއި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ހުސައިން ފާއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.