އައްނޫރުލް މުބީން ބައިނަލް އަގްވާމީ ގުރްއާން މުބާރާތުގައި ބައިވެރިވަން ބޭނުންވާ ކުދިންނަށް އޭޕްރީލް 26 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފި އެވެ.
ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ބުނެފައިވަނީ މިއަހަރުގެ މެއި 11 އިން 17 އަށް ބާއްވާ އައްނޫރުލް މުބީން ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ކުއްޖެއް ހޮވުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ކުދިން ހޮވުމަށް ކުރިއަށްގެންދާ ތަޞްފިޔާ އަންނަ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތަޞްފިޔާގައި ބައިވެރިވުމުގެ މުއްދަތު އޭޕްރީލް 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މަރުކަޒުން ބުނެ އެވެ.
މި މުބާރާތުގައި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ބައިވެރިވެވޭ އިރު ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަން އެނގެން ޖެހޭ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. މުބާރާތުގައި ބައިވެރިވަން ބޭނުންވާ ފަރާތްތަކުން ގުރުއާނާ ބެހޭ މަރުކަޒަށް ސިޓީއާއިއެކު އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ ކުރިން އައްނޫރުލް މުބީން ބައިނަލް އަގްވާމީ ގުރްއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ 09 އޭޕްރިލް ވަނަ ދުވަހު އެވެ. އަދި އެފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހުގެ ނިޔަލަށެވެ.