ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ދިވެހިރާއްޖޭގެ ޤައުމީ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ އެކިހިސާބު ތަކަށް އުދައަރައި އެކިވަރުގެ ގެއްލުން ވަމުންދާތީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ 10:30 ގައި ގެނެސްދިން ޚާއްޞަ ކަވަރޭޖްގެ ތެރެއިން މައުލޫމާތު ދެއްވި މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެގޮތުން އެބޭފުޅާ ވިދާޅުވީ ވަކި ރަށްތަކެއް ފާހަގަ ކުރެވިފައި ނެތްނަމަވެސް މޮޑެލްތައް ދައްކާގޮތުން ހުރިހާ ހިސާބަކަށްވެސް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި މޮޑެލްތައް ދައްކާގޮތުން އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް ދައްކަނީ ހުޅަނގު ބިތުގައި ހުރި ރަށްތަކަށް ކަމަށެވެ.
ބޮޑަށް ވިއްސާރަ ކުރާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި މެދުރާއްޖެތެރެއަށާއި އުތުރަށް ކެރިކޮޅެއް އައިކަމުގައިވީނަމަވެސް ވިއްސާރަވުން ބޮޑަށް ގާތީ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.
ރާއްޖޭގެ ކަނޑުތައްވެސް މެދުރާއްޖެތެރެއަށާއި އުތުރަށް އެހާ ގަދަ ނުވާނެ ކަމަށާއި އެކަމަކު ކަނޑުތައްވެސް ދެކުނުގެ އަތޮޅުތަކަށް ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.