އިސްލާމްދީން ކުރިއަރުވާތީ ރައީސް ޔާމީނަށް ޚާއްޞަ އެވޯޑެއް އެރުވި އިސްލާމިކް މޮޑެރޭޝަން ފޯރަމް އާއެކު ބޭއްވި ކޮންފަރެންސަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގުފް ފަންޑުން ހޭދަކުރިކަމަށް ބެލެވިއްޖެއެވެ.
ރާއްޖެ އެމްވީއަށްވެސް ކޮޕީއެއް ލިބިފައިވާ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު ސޮއި ކުރައްވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި އިސްލާމްދީނުގެ މެދުމިނުގެ ކަންތައްތައް ދެމެހެއްޓުމަށާއި ހަރުކަށިކަމާއި، ހައްދުފަހަނާއަޅާ ދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށް މިފަދަ ކަންކަމަށް އެހީތެރިވެދެއްވާ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އަދި ޖޯޑަންގެ އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމް ގުޅިގެން ބައިނަލް އަޤްވާމީ ކޮންފަރެންސެއް 2018 އޭޕްރީލް 14އިން 16 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެސިޓީގައި ބުނެފައިވާ ގޮތުގައި އެކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ 18 ޤައުމެއްގެ ސަރުކާރުގެ ވަޒީރުން ފެންވަރުގެ ބޭފުޅުންނާއި އިލްމުވެރިން އަދި ބައިނަލްއަޤްވާމީ ގޮތުން މިފަދަ ކަންތައްތަކުގައި މަސްއޫލުވެ އުޅުއްވާ 12 މުއައްސަސާއެއްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިކޮންފަރެންސް ބޭއްވުމަށް 4061496.21 (ހަތަރު މިލިއަން ފަސްދޮޅަސް އެއް ހާސް ހަތަރު ސަތޭކަ ނުވަދިހަ ހަ ރުފިޔާ އެކާވީސް ލާރި)ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެސިޓީގައި ބުނެފައިވެއެވެ.
ދެންނެވިފައިވާ ކޮންފަރެންސް ކުރިއަށް ގެންދިއުމަށްޓަކައި މިފައިސާ ދީނީ ކަންތައްތަކަށް އެހީވާ ވަޤުފް ފަންޑަށް ހުށަހަޅުއްވައި ފަންޑުގެ މިފަދަ ކަންކަމަށް އެހީދިނުމުގެ ޤަވާއިދާ އުސޫލު ތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކުރެވެން އޮތްނަމަ އަވަސް ފުރުސަތެއްގައި އަންގަވައިދެއްވުން އެދި ދެންނަވާކަމަށް އެސިޓީގައި ބުނެފައިވެއެވެ.
އިސްލާމް ދީން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް ރައީސް އަބުދުﷲ ޔާމީން އަށް ޚާއްސަ އެވޯޑެއް އަރުވާފައިވަނީ އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްއިންނެވެ. އެގޮތުން ރައީސަށް މި އެވޯޑު އެރުވީ، ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަދި އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސް، އައްސާދިގު އައްސިއްދީގު އަބްދުއްރަހްމާން އަލްމަހްދީ އެވެ.
މި އެވޯޑް އޭނާ ރައީސަށް އެރުވުމުން ދީނީ އިލްމުވެރިންގެ ފާޑު ކިއުން އަމާޒުވެފައި ވެއެވެ. އެގޮތުން ޝައިހް އާދަމް ނިޝާން ވިދާޅުވެފައި ވަނީ އިސްލާމްދީނުގެ މެދު ފަންތި ފެތުރުމަށާއި ބައެއް މީހުންނަކީ ބޮޑެތި އިލްމުވެރިން ކަމަށް ހަދާ މީހުންގެ ކުރިމައްޗަށް ނެރެމުން މިދަނީ މާތްﷲ ބާއްވައިލެއްވި އެތައް ހުކުމްތަކަކަށް އިންކާރުކޮށް، އިސްލާމްދީނުގެ ސައްހަ އަޤީދާއިން ބޭރުވެފައިވާ އަދި "ޑިމޮކްރަސީ ދީނު"ގެ ސިޔާސީ ވެރިންނަށް ވެފައިތިބި އަލްމާނީ ސެކިއުލަރިސްޓުން ކަމަށެވެ.