ވެރިކަމުގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިން ސިފައިން ޤައުމު ސަލާމަތް ކުރަން ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ދަޢުލަތް ދިފާޢުކުރަން ޖެހިފައި ވަނީ ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި ބޭރުގެ ޢަދާވާތްތެރިންގެ ކިބައިން އެކަނި ނޫން ކަމަށެވެ. ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގަމުންދާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދަޢުލަތުގެ މުހިއްމު ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ދަޢުލަތާ ދެކޮޅަށް ތެދުވާ ތެދުވުންތައް އިތުރުވަމުން ދާކަމަށެވެ. އެކަމުގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދަޢުލަތުގެ ޝަރަފުވެރި މަޤާމުގައި ތިބޭ އިއްޒަތްތެރިން ޝާމިލްވެފައިވާ ކަމަށާއި އެކަމާ ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދަޢުލަތުގެ އިސް މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނާއި ދަޢުލަތުގެ ޝަރަފުވެރި ޢިއްޒައްތެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް އަމިއްލަ އެދުމާއި މާއްދިއްޔަތަށް އެބޭފުޅުންގެ ޝަޚްސިއްޔަތު ޤުރުބާން ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަމާއި ސިފައިންގެ އެންމެމަތީ ވެރިޔާކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ދިވެހި ދަޢުލާތާ ދެކޮޅަށް ނުކުމެވަޑައިގެން ބޭރުގެ އަސްކަރީ ބާރުތައް މި ޤައުމަށް އެރުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ގެންދަވާ ކަމަށާއި އެކަމަށް އެދިވަޑައިގެން ބޭރުގެ ފަރާތްތަކުގެ އާދޭސް ކުރައްވައްވަމުން ގެންދަވުމަކީ އެކަމާ މެދު ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ އަދި މިނިވަން ޤައުމުކަށް ވުމާއެކު މަދާމާގެ ޖީލަށް މިޤައުމު މިގޮތުގައި ގެންގޮސްދިނުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރަމުންދާ މަސައްކަތްތަކަކީ އަގުހުރި އިޚުލާޞްތެރި މަސައްކަތްތަކެއް ކަމަށެވެ.