ރާއްޖޭގައި އިންސާފާއި ޑިމޮކްރަސީގެ އުސޫލު ބޭނުމިއްޔާ ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސުކޫލްތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ އެއްޗަކާއި ކިޔަވައިދޭ ގޮތް ބަދަލުކުރުން ކަމުގައި މަންދު ކޮލެޖްގެ ޗެއާމަން އިބްރާހީމް އިސްމާއީލު (އިބްރާ) ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖްގެ ދަސްވެނިވުން ފާހަގަކުރުމަށް ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އިބްރާ ވިދާޅުވީ މަތީ ތައުލީމަކީ ކްލާހަކަށް ވަދެ ލެކްޗަރާގެ އަޑު އަހާލައިފައި ނިންމާލާ ކަމެއް ނޫން ކަމަށާއި މަތީ ތައުލީމަކީ އަމިއްލައަށް އުނގެނެން ޖެހޭ މަރުހަލާއެއް ކަމަށެވެ. އަދި ކިޔަވައިދޭ ލެކްޗަރާއިންނަކީ ހަމައެކަނި މަގު ދައްކައިދޭން ތިބޭ ބައެއް ކަމަށް އިބްރާ ފާހަގަކުރެއްވިއެވެ.
"މީގެ 20 އަހަރު ފަހުންވެސް މި ރާއްޖޭގައި އިންސާފާއި ޑިމޮކްރާތީ އުސޫލު ބޭނުމިއްޔާ އަޅުގަނޑުމެން ކުރަންވީ ކަމަކީ މިއަދުވެސް ސުކޫލްތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ އެއްޗަކާއި ކިޔަވައިދޭ ގޮތް ބަދަލުކުރުން. އިންސާފު ނެތް މުޖުތަމައު އަކީ ދެމެހެއްޓޭނެ މުޖުތަމައުއެއް ނޫން. އިންސާފޭ ބުނީމަ ކޮންމެ މީހަކަށްވެސް ހީވަނީ އެއީ ފަނޑިޔާރު ގޭގައި އޮންނަ ކަމެކޭ. އެއީ ފަނޑިޔާރުގޭގައި އޮންނަ ކަމެއް ނޫން. މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކީ އިންސާފަށް ލޯބިކުރާ އިންސާފުވެރިއަކަށް ވީ ދުވަހަކުން ނޫނީ މުޖުތަމައުގައި އިންސާފު ޤާއިމެއް ނުކުރެވޭނެ" އިބްރާ ވިދާޅުވިއެވެ.
ކޮންމެ މީހަކުވެސް އިންސާފުން ކަންކުރާނަމަ ފަނޑިޔާރުގެތައް ހުންނާނީ ހުހަށްކަން ފާހަގަކުރައްވާ އިބްރާ ވިދާޅުވީ އެކަން އެގޮތަށް ކުރެވޭނީ ތިމާގެ ވިސްނުންވެސް އިންސާފުވެރިވެގެން ކަމަށާއި ތިމާ އަމިއްލަ ނަފްސަށް އެދޭ ގޮތް އަނެކާއަށްވެސް އެދެވިގެން ކަމަށެވެ.
އިބްރާ ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ތައްގަނޑު ޖަހާފައި ދީފައި ހުންނަ ސަނަދު ހިފައިގެން އެއް މަރުކަޒުން އަނެއް މަރުކަޒަށް ދިޔުމުން އެ ބަލައިނުގަންނަ ހާލަތްތައްވެސް ކުރިމަތިވެފައިވާ ކަމަށާއި އެހެން އޮތް މާހައުލެއްގައި މަތީ ތައުލީމް އުނގެނި ތަރައްޤީވާނެ ގޮތް އެނގިވަޑައިނުގަންވާ ކަމަށެވެ.
އިބްރާ ވިދާޅުވީ ކިޔަވައިދޭ މީހަކު އެންމެ އުފާވާނެ ކަމަކީ އެމީހަކު ކިޔަވައިދިން ކުއްޖަކު ގްރެޖުއޭޓްވެގެން އެ ކިޔެވި ދާއިރާއަކުން ކާމިޔާބީ ހާސިލްކޮށް މުޖުތަމައުއަށް ހިދުމަތްކޮށްދޭ މަންޒަރު ފެނުން ކަމަށެވެ.
"ގްރެޖުއޭޑްވެގެން މި ނުކުންނަ ހުރިހާ ދަރިވަރުންނަށް އެއިން ކޮންމެ ކުއްޖަކު އިހްތިޔާރު ކުރާ ރޮނގެއްގައި ކާމިޔާބާ، ކުރިއެރުން އަދި އެ ދަރިވަރުންގެ ފަރާތުން މުޖުތަމައުއަށް އެދެވޭ ހިދުމަތްތަކެއް ލިބުން. އެއީ ކިޔަވައިދޭ މީހަކު އެންމެ އުންމީދު ކުރާނެ ކަމަކީ. އުންގަންނައިދޭ މީހުންނަށް އެންމެ އުފާވެރި ވަގުތުތަކަކީ އެއީ. އެމީހުން އެ އުނގަންނައިދިން ދަރިވަރުންގެ ހަޔާތް ހެޔޮ ގޮތުގައި ބިނާކުރަމުން އަންނަ ތަން ފެނުން. އެއަށްވުރެން އުފާވެރި ދުވަހެއް އަޅުގަނޑުމެން މި އުނގަންނައިދޭ މީހުންނަކަށް ނޯވޭ" އިބްރާ ވިދާޅުވިއެވެ.
މަންދު ކޮލެޖުން މި ފަހަރު 340 ދަރިވަރަކު ދަސްވެނިވުނެވެ.