ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 02:11
އިލެކްޝަންސް ކޮމިޝަން އޮފީސް
އިލެކްޝަންސް ކޮމިޝަން އޮފީސް
ގޫގުލް
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ދެ ފަރާތުން އެއްބަސްވެވޭ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި
މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނީ ދެ ފަރާތުން އެއްބަސްވެވޭ އިލެކްޝަންސް ކޮމިޝަނެއް އޮވެގެން
އިންތިޚާބުގެ ކުރިން ޝަރުޢީ ކޯޓުތަކާއި އިލެކްޝަންސް ކަމިޝަނާއި ފުލުހުންގެ މުއައްސަސާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތައް ހަރުދަނާ ކުރަންޖެހޭ
ދައުލަތުގެ މުދަލާއި އެހެނިހެން ވަސީލަތްތައް ނާޖާއިޒުގޮތުގައި ކެމްޕޭނަށް ހޭދަކުރުން ހުއްޓުވަންޖެހޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއާ ގުޅޭގޮތުން ނެރެފައިވާ ޕޮލިޓިކަލް ރިޕޯޓުގައި ފާހަގަކޮށް އިރުޝާދު ދީފައިވާ މައްސަލަތަކުގެ ތެރެއިން މާތްވެގެންވާ އިސްލާމް ދީނާ ފުށުއަރާ މައިގަނޑު ދެ މައްސަލަ ފިޔަވައި ދެންހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ޑިމޮކްރެޓިކް އުސޫލުން ދައުލަތް ހިންގުމަށާއި، ރައްޔިތުންގެ ކިބައިން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ދިވެހި ދައުލަތުގައި އަށަގެންނެވުމަށްޓަކައި ކޮންމެހެން ލާޒިމު ކަންކަން ކަމުގައި ގުޅިފައިވާ ޕާޓީތަކުން ދެކޭކަމަށެވެ.

އެހެންކަމުން އިންތިޚާބީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދުން ފާހަގަކޮށްފައިވާ ކަންކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރަނީ، ވިލާތުގެ އިއްތިހާދުން އިންތިޚާބާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަން ތަންފީޛުކޮށް މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކަމިޝަނަކުން ކަމަށްވެސް ބަޔާނުގައިވެއެވެ.

އިންތިޚާބުގެ ކުރިން ޝަރުޢީ ކޯޓުތަކާއި އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތައް ހަރުދަނާކޮށް އެތަންތަނުގެ މިނިވަންކަން ކަށަވަރުކުރުމާއި، ދައުލަތުގެ ތެރޭގައި އިމެއްނެތް މިންވަރަށް ކޮރަޕްޝަން ފެތުރިފައިވާ ދަނޑިވަޅެއްގައި އިންތިޚާބުގެ ކެމްޕޭނަށް ޚަރަދުކުރާ ފައިސާގެ ކަންކަން ބެލެހެއްޓޭނެ އުސޫލެއް ޤާއިމުކުރުމާއި، ދައުލަތުގެ މުދަލާއި އެހެނިހެން ވަސީލަތްތައް ނާޖާއިޒުގޮތުގައި ކެމްޕޭނަށް ހޭދަކުރުން ހުއްޓުވުމާއި، އިންތިޚާބުގައި ވޯޓުލާން ބޭނުންވާ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމަށާއި އަދި އެކަމަށް އެކަށީގެންވާ ވަގުތު ލިބޭނެހެން ކަންކަން އިންތިޒާމްކުރުމާއި، އިންތިޚާބު ހިނގަމުންދާ ވަގުތު އިންތިޒާމުތައް ހުންނަންވާ ގޮތުގެ އަސާސީ އުސޫލުތަކާއި، އިންތިޚާބުގައި މަކަރުހެދުމަށް މަގުފަހިވާނެހެން ހުރިކަންކަން ބަދަލުކުރުމުގެ އިރުޝާދުތަކާއި އަދި މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާއަށް ޤާނޫނީގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާހައުލެއްގައި އިންތިޚާބާ ގުޅުންހުރި އެންމެހައި ކަންކަމުގައި އެފަރާތްތަކުގެ ބައިވެރިވުން އެކަށީގެންވާ މިންވަރަށް ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށް ދީފައިވާ އިރުޝާދަކީ 2014 ވަނަ އަހަރުއްސުރެ ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތައް ދިރާސާކުރުމަށްފަހު އެކަންކަން އިސްލާހު ކުރުމަށްޓަކައި ދީފައިވާ އިރުޝާދުތަކެއް ކަމަށާއި އަދި ހަމަ އެކަންކަމަކީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތަކުންވެސް ކެނޑިނޭޅި ފާހަގަކުރަމުން އަންނަ ބޮޑެތި މައްސަލަތައް ކަމުގައި ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އެ ޤާނޫއަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ލީޑަރުންނާއި އިސްލާހަށް މަސައްކަތްކުރާ ފަރާތްތައް ނުޙައްޤުން ބަންދުކޮށް ބޮޑެތި ޣައިރުޤާނޫނީ ޙުކުމްތައް އިއްވަމުންދިއުމާއި، ސަރުކާރުގެ ޣައިރުޤާނޫނީ އަމުރަށް ތަބަޢަވެ ފުލުހުން މިފަދަ މައްސަލަތަކާގުޅޭ ހެކި އުފައްދައިގެން ޣައިރު ޤާނޫނީ ތަޙުޤީޤުތައް ކުރިޔަށް ގެންދާތީ އާއި އަދި އެއްވެސް ހަމައެއްނެތި ދައުލަތުގެ ނަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް މިފަދަ މައްސަލަތަކުގައި ދައުވާ ކުރަމުންދާކަމީ ވާދަވެރި އަދި ހަމަހަމަ އިންތިޚާބެއް ކަށަވަރުކުރުމަށްޓަކައި އެތައްކަމެއް އިސްލާޙުކުރަންޖެހޭކަމުގެ ހެއްކެއް ކަމަށެވެ. ޝަރުޢީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ ބޮޑެތި އެތައް މައްސަލައެއް ފާހަގަކޮށް އެކަންކަން އިސްލާޙުކުރުމަށްޓަކައި 1 ފެބްރުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިއްތިފާޤުން ނެރެފައިވާ އަމުރު ތަންފީޒުވުމަކީ މުއައްސަސާތަކަށް އިތުބާރު އުފެއްދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށާއި ދިވެހި ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީސް ހިނގާނެ އެންމެހާ ދޮރުތައް ބަންދުކޮށް އެ މަޖިލީހުގައި ތަޅުއަޅުވާފައި އޮންނަ އޮތުމަކީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހުކުރުމަށް މެދުވެރިވެފައިވާ ބޮޑުގޮންޖެހުމެއް ކަމަށް ވެސް މިބަޔާނުގައިވެއެވެ.

އިސްލާމްދީން އުޒުރަކަށް ހަދައިގެން އިންތިޚާބާ ގުޅޭ ކަންކަން އިސްލާހުކުރުމަށް ދެކޮޅުހެދުމުގެ ބަދަލުގައި، މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށްޓަކައި ވިލާތުގެ އިއްތިހާދުގެ އިރުޝާދުތައް ތަންފީޒުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް