ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 15:12
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތައް މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތައް މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ
މުހައްމަދު ޝަރުހާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު
އަޑުއެހުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15.00ގައި
މި މައްސަލާގައި ވަކީލަކު އައްޔަން ކުރަން ފަސް ދުވަސް ވަނީ ދީފައި
މި ދެ ބޭފުޅުން މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައިވޭ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

މިއީ މި މައްސަލާގައި ބާއްވާ އިބްތިދާއީ ދެވަނަ އަޑުއެހުމެވެ. ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15.00ގައި އެވެ. މި މަހުގެ 12 ވަނަ ދުވަހު މި މައްސަލައާ ގުޅިގެން ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އުފުލާފައިވާ އެ ދައުވާއާ ގުޅިގެން އެ ބޭފުޅުނަށް ވަކީލުން އައްޔަން ކުރުމަށް ފަސް ދުވަހުގެ މުހްލަތެއް ދީފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން މީގެ އިތުރުން ވެސް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އެވެ. އޭގެ ތެރެއިން އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު އެ މައްސަލާގައި ވަކީލަކު ހައްޔަރު ކުރެއްވުމަށް ވަނީ 10 ދުވަހުގެ މުހްލަތެއްދީފައެވެ.  

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެއްކޮން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާ އިބްތިދާއީ އަޑުއެހުން އަދި ނުފަށަ އެވެ.  ނަމަވެސް އެ ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައެވެ.  

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، 5 ފެބްރުއަރީގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. އަދި ހަމަ އެ ރޭ ފުލުހުންނާއި ސިފައިން ވަނީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެ، އެ ދެ ބޭފުޅުން އެ ކޯޓުގައި ތިއްބަވަނިކޮށެވެ.  އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނިކޮށް، ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އިސްލާހު ހުށަހަޅުއްވާ އެއިސްލާހު ފާސްކޮށްފައެވެ. ރައީސް ޔާމީން އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، ޖުޑިޝަލް ސާރވިސް ކޮމިޝަނުން ވަނީ އުއްތަމަ ފަނޑުޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުހިނގާ ގޮތަށް ސަސްޕެން ކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާތައް ނިމިއްޖެ ނަމަ، މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ބޭފުޅުން މަގާމުން ވަކިވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް