ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގއ. ވިލިނގިއްޔަށް ހޮނު އަޅައި، 300،000ރ. ގެ އަގު ހުރި އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެއްޖެއެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުޙައްމަދު "ރާއްޖެއެމްވީ" އަށް ވިދާޅުވީ ހޮނުއަޅާފައި ވަނީ އުރީދޫ އެންޓަނާއަކަށް ކަމަށާއި އެންޓަނާއަށް ހޮނުއެޅުމުން، ގއ. އަތޮޅުގެ ބޮޑު ބަޔަކުން އުރީދޫގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ. ނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ މައްސަލަ އުރީދޫ އިން ހައްލުކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންޓަނާއަށް ހޮނުއެޅުމުން، ގިނަ ގެތަކެއްގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެފައިވާ ކަމަށާއި އެންމެ ގިނައިން ހަލާކުވެފައި ވަނީ ޓީވީ ކަމަށެވެ.
ހަތަރުހާހެއްހާ އާބާދީއެއް އޮންނަ ވިލިނގިލީގެ ގިނަ ގެތަކުގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވުމުން، ލިބުނު ގެއްލުން 300،000 އަށް އަރާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހޮނުއެޅުމުން ލިބުނު ގެއްލުން އަންދާޒާ ކުރުމުގެ މަސައްކަތް ވިލިނގިލީ ކައުންސިލުން މޮނީޓާ ކުރަމުންދާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ އެފަދަ ހާދިސާތަކުގައި ލިބޭ ގެއްލުންތައް ފުލުހުންނާ ގުޅިގެން މޮނީޓާ ކުރުމަށްފަހު، ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރަށް އަންގަމުންދާ ކަމަށެވެ. ގެއްލުންތަކުގެ ބަދަލު ދޭނެ ކަމަށް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުނުމަށްފަހު، ފަހުން އެއްވެސް ޖަވާބެއް ނުދޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.