އެހެން ދީންތަކަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އެއްވެސް ޕާޓީއެއްގެ ލީޑަރަކު ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެވެ.
ގުޅިފައިވާ ޕާޓީތަކުގެ ސްޕޯކްސް ޕާސަންކަން ވެސް ކުރައްވާ މަހްލޫފް މިހެން ވިދާޅުވީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ގޭބަންދުގައި މިހާރު ހުންނެވި މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެހެން ދީންތަކަށް ފުރުސަތު ދިނުމަކީ އެއްވެސް ރައްޔިތަކު، އެއްވެސް ސިޔާސީ ޕާޓީއެއް އަދި އެއްވެސް ލީޑަރަކު ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށެވެ.
އީޔޫގެ ގޮވާލުންތަކުގައި އަބަދުވެސް މިވާހަކަތައް ހިމަނާ ކަމަށާއި އެކަން ހުއްޖަތަކަށް ހަދައިގެން ވައްކަމާއި އަނިޔާ އަދި ހަރާމް ހުކުމްތައް ދިފާއު ކުރުން ހުއްޓާލަން ޖެހޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
Ehendheenakah furusathu dhinumakee evves rayyithaku,evves siyaasee party eh adhi evves leadereh furusathu https://t.co/MQxKjLjufR ge govaalunthakuga abadhuves mivaahakathah himanaa.Mikan hujjathakah hadhaigen, vakkamaa,aniyaa adhi haraam hukumthah dhifaaukurunves huttalanjehey pic.twitter.com/MUMTEC1Ffw
— Ahmed Mahloof (@AhmedMahloof) April 19, 2018
އީޔޫ އިން މި ގޮތަށް ހުށަހެޅީ، އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު ބުރާސްފަތި ދުވަހު އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިހާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރަމުންނެވެ.
އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި، ދިވެހި ރައްޔިތުން މާނަކޮށްދީ، ބުނެފައި ވަނީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. އީޔޫ އިން ހުށަހެޅީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މި މާއްދާ އިސްލާހްކޮށް، ދިވެހި ރައްޔިތަކަށް ވުމަށްޓަކައި މުސްލިމަކަށް ވުން ލާޒިމް ނުކުރުމަށެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް ހުށަހަޅާފައިވެއެވެ.
ރާއްޖޭގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އީޔޫ އިން ހުށަހެޅީ އާއިލާއާ ބެހޭ ގާނޫނުގައި ހުރި ޖިންސީ ތަފާތުތައް ނައްތާލުމަށެވެ. އޭގެ ތެރޭގައި ތަރިކަ މުދާ ބެހުމާ ބެހޭ އުސޫލްތަކަށް ބަދަލު ގެންނަން ވެސް ހުށަހަޅައިފައިވެއެވެ.
ބައިނަލްއަޤްވާމީ ޖަމާއަތްތަކުން މިފަދަ ކަންކަން ފާހަގަކުރި ނަމަވެސް މިހާތަނާ ޖެހެންދެން ސަރުކާރުތަކުން މުއާހަދާތައް ގާއިމުކޮށްފައި ވަނީ އެ މުއާހަދާތަކުގައި އެ ގައުމެއްގެ ގާނޫނުއަސާސީއާ ފުށުއަރާ ކަންކަން އިސްތިސްނާކޮށްފައެވެ. ރާއްޖެއިން ބައިވެރިވެފައިވާ ގިނަ މުއާހަދާތަކެއްގައި ދީނީ މިނިވަންކަމުގެ ވާހަކަތައް ހިމެނިފައިވީ ނަމަވެސް ރާއްޖެއިން ވެސް އެ މުއާހަދާތަކުގައި ސޮއިކޮށްފައި ވަނީ އެ ބައިތައް އިސްތިސްނާވާ ގޮތަށެވެ. ހުރިހާ ސަރުކާރެއްގައި ވެސް އަމަލު ކުރަމުން އައީ އެފަދައިންނެވެ.