ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 13:53
ވިލާތުގެ އިއްތިހާދު
ވިލާތުގެ އިއްތިހާދު
ގޫގުލް
ރާއްޖޭގެ އިންތިޚާބުތައް
އޮބްޒަރވަރުންގެ ހުށަހެޅުންތަކާއިމެދު ހޭލުންތެރިއެއް ނޫން، ރައީސް އާއި ސުޕްރީމް ކޯޓުން ބައްދަލެއް ނުކުރި: އީޔޫ ރިޕޯޓް
ހުށަހެޅި ކަންކަމުގެ ތެރެއިން ހާޞިލްވީ އެންމެ ކަމެއް
މިއަދާ ހަމައަށްވެސް އިޚުލާސްތެރިކަމާއިއެކު އިންތިޚާބުގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކޮށްފައެއް ނުވޭ
ސްޕްރީމްކޯޓާއި ރައީސް ބައްދަލެއް ނުކުރޭ

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރި ވިލާތުގެ އިއްތިހާދުގެ އޮބްޒަރވަރުން އޭރު ހުށަހަޅާފައިވާ ކަންކަމާއިމެދު ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުގެ ހޭލުންތެރިކަން ކުޑަކަމަށް އެ އިއްތިހާދުން ބުނެފިއެވެ.

ދިވެހި ސަރުކާރުގެ ދަޢުވަތަކަށް ވިލާތުގެ އިއްތިޙާދުގެ އިލެކްޝަން ފޮލޯއަޕް މިޝަން އިން ނިމިގެންދިޔަ އަހަރާއި މި އަހަރު ރާއްޖެއަށް ކުރި ދެ ދަތުރަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުންތަކުގައި، ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރި ވިލާތުގެ އިއްތިހާދުގެ އޮބްޒަރވަރުން އޭރު ހުށަހަޅާފައިވާ ކަންކަމާއިމެދު ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުގެ ހޭލުންތެރިކަންކުޑަކަން ފާހަގަވެފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރި އެ މިޝަންގެ ދަތުރުތަކުގައި އެ މިޝަންއިން ބޭނުންވި ގޮތަށް، ކަމާއިބެހޭ ފަރާތްތަކާއި ބައްދަލު ނުވިކަން ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ން 19 އަށް އިންތިޚާބީ ދެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދުން ރާއްޖެއަށް ދަތުރެއް ކުރުމަށް ފަހު، ދެވަނައަށް ކުރަން އޮތް ދަތުރު ސަރުކާރުގެ އެދުމުގެ މަތިން ލަސްކުރިކަން ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ އެދުމުގެމަތިން ފަސްކުރެވުނު ދަތުރު މި އަހަރުގެ ޖަނަވަރީ މަހުގެ 8 ން 11 އަށް ރާއްޖެއަށް ކުރިއިރު، އެދަތުރުގައި ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގައި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގެ ވެރިއެއްގެ ގޮތުގައި ވަޑައިގަތް ބޭފުޅާގެ އިތުރުން ވިލާތުގެ އިއްތިހާދުގެ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ މަންދޫބުން ވެސް ހިމެނެއެވެ.

މި ވަފުދުން އިލެކްޝަން ކޮމިޝަނާއި، ބަންޑާރަ ނައިބު މުޙައްމަދު އަނިލް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު އާއި، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ އާއި ހޯމް މިނިސްޓަރު އަޙުމަދު އަޒްލީންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިސް ފަރާތްތަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ވެރިޔާ އާއި ވަނީ ބައްދަލު ކޮށްފައެވެ. އަދި ހަމަ މިއާއިއެކު އެ ވަފުދުން ވަނީ ސިޔާސީ ޕާޓީތަކާއި މީޑިއާގެ އިތުރުން މަދަނީ ޖަމުޢިއްޔާތަކާއި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާއި ވެސް ބައްދަލުކޮށްފައެވެ.

މި ފަރާތްތަކާއި ބައްދަލުކުރެވުނު ނަމަވެސް، މުހިއްމު ބައްދަލުވުން ތަކަކަށް ފުރުޞަތު ނުލިބުނުކަން ވެސް ވިލާތުގެ އިއްތިޙާދުގެ ވަފުދުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އާއި ސުޕްރީމް ކޯޓުން އެ ވަފުދާއި ބައްދަލުކޮށްފައިނުވާކަން އެ ވަފުދުން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އިންތިޚާބު އޮބްޒަރވް ކުރި ވަފުދުން ހުށަހެޅި ކަންކަން ތަންފީޒު ކުރެވުނު މިންވަރު އޮޅުންފިލުވަން ގިނަ މަސައްކަތްތަކެއް ކުރެވުނުއިރު، އެ ހުށަހެޅުންތަކާއިމެދު ހޭލުންތެރިކަމެއް ނެތް މިންވަރު ފާހަގަވިކަން ވަފުދުން ވަނީ ބަޔާން ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އިންތިޚާބު އޮބްޒަރވް ކުރި ވަފުދުން އޭރު ވަނީ މައިގަނޑު 22 ކަމެއް އިސްލާހު ކުރުމަށް ދިވެހި ސަރުކާރަށް ލަފާދީފައެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމަކީ ވޯޓު ލިމުގެ ޙައްޤާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުރިއެރުވުން، ދެޖިންސަށް އޮންނަ ފުރުޞަތުތަކުގެ ހަމަހަމަކަން އިތުރުކުރުން، އިންތިޚާބުގައި ވޯޓުހޯދުމަށް މުއައްސަސާތަކުގެ ބޭނުންހިފުމާއި، ވޯޓު ވިއްކުން ހުއްޓުވުން، ކެމްޕެއިންއަށް ކުރާ ޚަރަދު ބެލެހެއްޓުމާއި، ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުން އަދި ވޯޓުގެ ސިއްރު ހިފެހެއްޓުމާއި، އިންތިޚާބުގެ ޤާނޫނީ ސައްޚަކަން ދެމެހެއްޓުމެވެ.

މި ކަންކަމުގެ ތެރެއިން ފުރިހަމައަށް މަސައްކަތްކުރެވިފައިވަނީ ހަމައެކަނި ދެޖިންސަށް އޮންނަ ފުރުޞަތުތަކުގެ ހަމަހަމަކަން އިތުރުކުރުމަށް ކަން ވިލާތުގެ އިއްތިހާދުން ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯތްގައި ބުނެފައިވަނީ މިއަދާ ހަމައަށްވެސް އިޚުލާސްތެރިކަމާއިއެކު އިންތިޚާބުގެ ކަންކަން ރަނގަޅުކުރުމަށް ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން މަސައްކަތްކޮށްފައި ނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
19 އޭޕްރިލް 2018 | ބުރާސްފަތި 12:12
ޑާސް
އީޔޫގެ މަގުމަތީ ފާރު ދަށުގައި އުޅޭ މީހުން އަޔަކަސް ރައީސާއި ސްޕްރީމް ކޯޓުން ބައްދަލު ކުރާކަށް ނުޖެހޭ. އީޔޫ ބޮޑެތި ގައުމު ތަކުގެ ރައީސުންނާއި އެގައުމު ތަކުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިތާގެ ރައީސާއި ފަނޑިޔާރުންނަށް ބައްދަލު ކުރެވޭނީ.
19 އޭޕްރިލް 2018 | ބުރާސްފަތި 10:53
ކެރޭނެބާ
ދެން ކޮބާ އެ ރިޕޯރޓް ގަ ހުރި އެހެން ވާހަކަތަށް. އިސްލާމް ދީނޭ ކިޔައިގެން ހިމަނާފަ ހުރި ބައިތަށް. މި ކޮމެންޓް ޖަހަާލާން ކެރޭނެބާ