ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 10:48
ރާއްޖޭގެ މޫސުން ފެންނަގޮތުގެ ސެޓްލައިޓް ފޮޓޯއެއް
ރާއްޖޭގެ މޫސުން ފެންނަގޮތުގެ ސެޓްލައިޓް ފޮޓޯއެއް
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
ރާއްޖޭގެ މޫސުން
މިއަދުވެސް ބޮކޮށް ވާރޭ ވެހޭނެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވައިޓް އެލާޓް ނެރެފަ
މިވަގުތު ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް
މުއްދަތަކީ ހެނދުނު 06:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް
ރޭ ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި، އެއީ ހެނދުނު 06:00 އާ ހަމައަށް

ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ ބ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ ބުރާސްފަތި ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. 

މެޓް އޮފީހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ 00:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. ނަމަވެސް އެ ވައިޓް އެލާޓް ހެނދުނު 06:00 އިން ފެށިގެން ވަނީ މެންދުރު 12:00 އާހަމައަށް އިތުރުކޮށްފައިވާއިރު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށެވެ. 

މޫސުމާއިބެހޭ ގައުމީ އިދާރާއިން އިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން ލަފާކުރެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރު މިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބުދަ ދުވަހު ވެހުނު ވިއްސާރައިގެ ސަބަބުން ހައްދުންމަތީ ގަމު، ތުނޑީ އަވަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން، ފެން ހިއްކުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް