ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 17:09
ސުޕްރީމް ކޯޓު: އެ ކޯޓުން ވަނީ ވިލާއާ އެއްކޮޅަށް މިއަދު މައްސަލަތަކެއް ނިންމާފައި
ސުޕްރީމް ކޯޓު: އެ ކޯޓުން ވަނީ ވިލާއާ އެއްކޮޅަށް މިއަދު މައްސަލަތަކެއް ނިންމާފައި
މުހައްމަދު ޝަރުހާން
ވިލާ ކުންފުނި
ވިލާ އަށް ދީފައިވާ ރަށްތައް ސަރުކާރުން ނެގީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު
 
މިއީ ފަސް ރަށަކާ ގުޅޭ މައްސަލަތަކެއް
 
އެންމެ ފުރަތަމަ މި މައްސަލަ ސިވިލް ކޯޓުން ނިންމީ ވިލާއާ އެއްކޮޅަށް
 
މިދިޔަ އަހަރު މި މައްސަލަ ހައި ކޯޓުން ނިންމީ ވިލާއާ ދެކޮޅަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދުކޮށްފައި އޮތް ފަސް ރަށެއް މި ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ބުނެ މީގެ ކުރިން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ވިލާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ވިލާގެ އެކި ކުންފުނިތަކަށް ދޫށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން މި ސަރުކާރުން ބާތިލްކޮށްފައި ވަނީ ސަރުކަށް ގާސިމް ކުރެއްވި ތާއިދު އަނބުރާ ގެންދަވައި އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވި ދުވަސްކޮޅެވެ. ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފިނޮޅުގެ އެއްބަސްވުންތައް 2015 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރުމުން ވިލާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އޭރު އެ މައްސަލަ އެ ކޯޓުން ނިންމީ ވިލާއާ އެއްކޮޅަށެވެ. ނަމަވެސް ފަހުން ހައި ކޯޓުގައި ދައުލަތުން އެ ހުކުމްތައް އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ނިންމީ އެރަށްތައް ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށެވެ.

ސެޓްލްމެންޓް އެއްބަސްވުންތަކެއް ހަދައިގެން މި ރަށްތައް ތަރައްގީ ކުުރުމަށް މި ސަރުކާރުން ދީފައި އޮއްވައި، އެ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފައި ވަނީ ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް 129 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފައި އޮތުމުން ކަމަށް ބުނެއެވެ. ސަރުކާރުން ހުއްޖަތެއްގެ ގޮތުގައި ކޯޓުގައި އޭރު ބުނެފައި ވަނީ ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ޝަރުތު ކޮށްފައިވާނެ ކަމަށާއި ވިލާއާ ގުޅުން އޮތް ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރި ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވުން ކަމަށެވެ.

ނަމަވެސް ވިލާއިން ބުނެފައި ވަނީ ޑަބްލިއުއެލްޓީއަކީ ސެޓްލްމަންޓް އެގްރިމެންޓްގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންވެ ޑަބްލިއުއެލްޓީން ދައުވާ ކުރި ކުރުމަކީ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑަބްލިއުއެލްޓީން ދައުވާކުރާ މައްސަލައަކީ ސެޓްލްމަންޓް އެގްރިމެންޓް ހެދިއިރު ވެސް ހިނގަމުން ދިޔަ މައްސަލައެއް ކަން ވެސް ވިލާއިން ކޯޓުގައި ބުނެފައިވެއެވެ.

ވިލާގެ ކުންފުނިތަކަށް ދޫކޮށްފައިވާ މި ފަސް ރަށުގެ ސެޓްލްމަންޓް އެގްރިމެންޓް ބާތިލްކޮށް، އެ އެގްރިމެންޓްގެ ދަށުން ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ހެދި އެމެންޑެޑް އެންޑް ރީ އިންސްޓޭޓެޑް ލީސް އެގްރިމެންޓް ވެސް ސަރުކާރުން ބާތިލްކޮށްފައިވެއެވެ.

ވިލާ އަށް ދޫކޮށްފައިވާ މި ފަސް ތަނުން ދައުލަތަށް ލިބެންވާ ކުއްޔާއި ކުލި ނުދައްކައި އޮތުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ބުނެ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދުމަށް 2015 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުންފުންޏަށް އަންގާފައިވެއެވެ. ވިލާއަށް ދޫކޮށްފައި ހުރި ރަށްތަކެއް އަތުލައި ބައެއް ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ކާޑެއްދޫ އެއާޕޯޓް އަތުލި އިރު ގާސިމް މަސައްކަތް ކުރައްވަމުން ގެންދެވީ އިދިކޮޅު ފަރާތްތަކާއެކުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
25%
0%
13%
0%
63%
ކޮމެންޓް
18 އޭޕްރިލް 2018 | ބުދަ 12:32
ފުންނަ
އިންސާފުންވެސް ކަންކަން ނިމޭތަން އެބަފެނޭ. ވ ސަލާމް ސްޕްރިމް ކޯޓް.